"އަނާސް"ގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް: ތިން ބްރޭންޑަކާއެކު ރަސްމީކޮށް އިފްތިތާހުކޮށްފި

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބިއުޓީ ބްރޭންޑް "އަނާސް" ގެ ޚިދުމަތްތައް ފުޅާކޮށް، އެ ކުންފުނީގެ ތިން ބްރޭންޑެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފައިވަނީ "އަނާސް ސެލޫން އެންޑް ސްޕާ" އާއި "އަނާސް ބާރބާ" އަދި "އަނާސް އެސްތެޓިކް ކްލިނިކް" އެވެ.

މއ. އަލިދޫގޭގެ އެއް ފްލޯއެއްގައި މި ތިން ބްރޭންޑުގެ ޚިދުމަތްތައް މިހާރު ލިބެން ހުންނާނެއެވެ. މިއީ ސެލޫން ޚިދުމަތްތަކާއި، ފިރިހެނުންގެ ގްރޫމިން އަދި އެސްތެޓިކް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ރާއްޖޭގެ ހަމައެކަނި ބްރޭންޑެވެ.

"އަނާސް" އަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިންދު ދަރާ ސިންގް އާއި އޭނާގެ އަންހެނުން ދިނާ ސިންގް ބައިވެރިވިއެވެ. މި ހަފްލާގެ ތެރެއިން ބޮލީވުޑް ތަރި ސަނީ ލިއޯންގެ މޭކަޕް ބްރޭންޑް "ސްޓާ ސްޓްރަކް" ވެސް ވަނީ ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން، ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އޮންލައިންކޮށް ބުކިން ހެދޭނެ އަދި ތަކެތި ގަނެވޭނެ ވެބްސައިޓެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

"އަނާސް" އަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު ޓީމެއް އޮތް އެއް ސެލޫނެވެ. އެގޮތުން ހެއާ ޑިރެކްޓަރު އެމްއެޗްޑީ ސަލީމްއަކީ މި ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ފަރާތެކެވެ. އޭނާގެ އިތުރުން ސީނިއާ ސްޓައިލިސްޓް މުހައްމަދު މަމްދޫހު (މައިކް) އާއި މޭކަޕް ޑިރެކްޓަރު ހަސްނާ ހަސަން ފަދަ އިތުބާރު ހޯދާފައިވާ ފަންނާނުން އެތަނުގައި މަސައްކަތް ކުރެއެވެ.

އެސްތެޓިކް ކްލިނިކްގެ ދަށުން މެޑިކަލް ގްރޭޑުގެ ބިއުޓީ ޚިދުމަތްތައް ދެމުންދާއިރު، ޑރ. ރާބިއާ ހާން ދަނީ ޑާމަޓޮލޮޖީގެ ފަރުވާތައް ދެއްވަމުންނެވެ. އަދި ޑރ. އިރުފާނާ ޝަރަޖްދީން "ކޮސްމެޓިކް ގައިނޮކޮލޮޖީ" ގެ ނޮން-ސާޖިކަލް ފަރުވާތައް ދެއްވައެވެ. މީގެ އިތުރުން، ތުރުކީގެ "ހެއާ ޓްރާންސަސް" ކްލިނިކާ ގުޅިގެން "އެފްޔޫއީ" އަދި "ޑީއެޗްއައި" ޓެކްނީކް ބޭނުންކޮށްގެން ހެއާ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ބިއުޓީ ބުޓީކެއްގެ ގޮތުގައި ދަތުރު ފެށި "އަނާސް" އިން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ބިއުޓީ އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންގޮސް، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.