އެޑްވެންޗާ އަޕްއިން އިންތިޒާމުކޮށްގެން ބާއްވާ "އައިލެންޑް ކާނިވަލް" ގެ ދެވަނަ އެޑިޝަން، "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" އާއެކު ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބާޒާރާއި ކާނިވަލް ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ބާޒާރު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، މިއަދު ފެށިގެން މިދިޔައީ ކުޅިވަރާއި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ބޮޑު އީދެއް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ 5 އަހަރުގެ ޕްލޭންގެ މައިގަނޑު އެއް އަމާޒަކީ ކުޅުދުއްފުއްޓަކީ ވިޔަފާރިތަކަށް ފަހި މާހައުލަކަށް ހެދުން ކަމަށާއި، މި ބާޒާރަކީ ވިޔަފާރިތައް ފުޅާކުރުމަށާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޅި ސަރަހައްދުގެ ވިޔަފާރިތައް އިސްތިހާރުކޮށް މުއާމަލާތްތައް އިތުރުކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކުރިން ތަޖުރިބާކޮށްލަން ނުލިބޭ ފަދަ ޒަމާނީ ކުޅިވަރުތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު މި ކާނިވަލުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑްވެންޗާ އަޕްގެ ޗީފް ކޮމާޝަލް އޮފިސަރު ހަނޫން މުޙައްމަދު އިބްރާހީމް ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ކައުންސިލަކުން ނުދޭ ފަދަ ބޮޑު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަނޫން ވިދާޅުވީ، މި ކާނިވަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގައި ދިރިއުޅޭ ޒުވާނުންނަށް ރަށުން ބޭރަށް ނުގޮސް އެއްތަނަކުން ޒަމާނީ ކުޅިވަރުތައް ތަޖުރިބާކޮށްލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

އެޑްވެންޗާ އަޕްއިން މައުލޫމާތު ދިން ގޮތުގައި، މި ފަހަރުގެ ކާނިވަލުގައި އިންފްލޭޓަބަލްސް، ލޭޒާޓެގް، ބެޓަލް ޒޯން، އަދި ޖުމްލަ 12 ކުޅިވަރެއް ހިމެނޭނެއެވެ. މީގެ އިތުރުން ލައިވް މިއުޒިކް، ބޮޑުބެރުގެ ހުށަހެޅުންތައް އަދި "ބިރުވެރި ހޮހޮޅަ" ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

އަތޮޅުތެރޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ބާޒާރުގައި 22 ވިޔަފާރިއަކުން ބައިވެރިވެ ހެޔޮއަގުގައި މުދާ ވިއްކަމުންދާއިރު، މި އިވެންޓުގެ ސްޕޮންސަރެއް ކަމަށްވާ އެސްއެމްއީ ޑިޖިޓަލް އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ މައުލޫމާތު ދިނުމާއި، އެޕްލިކޭޝަން ހުށަހެޅުމުގެ އެހީތެރިކަމުގެ އިތުރުން، ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފެސިލިޓީތަކަށް ބަދަލުކުރުމުގެ އެހީތެރިކަން އެ ފަރާތުން ފޯރުކޮށްދެމުންދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *