އިންޓަނެޓުގެ ބޮޑު ބައެއް ހިންގުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ޓެކްނޮލޮޖީގައި ހުރި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކެއް، ނޭނގި 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ދާދިފަހުން ވަނީ ފަޅާއަރުވާލައިފައެވެ. މި ހޯދުމާ ގުޅިގެން މުޅި ދުނިޔޭގެ ސައިބާ ސެކިއުރިޓީއަށް ވަނީ ބޮޑު ލޮޅުމެއް އަރައި، ކުއްލި ސަމާލުކަމަކަށް އައިސްފައެވެ.
މި ނުރައްކާތެރި މައްސަލަ ފެނިފައިވަނީ، 2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެބްސައިޓްތައް ހެދުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ޕްރޮގްރާމިންގ ލެންގުއޭޖެއް ކަމަށްވާ 'ޕީއެޗްޕީ' (PHP) އިންނެވެ. ބުދަ ދުވަހު މި މައްސަލަ ތިލަވުމާއެކު، ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ސައިބާ ސެކިއުރިޓީ އިދާރާތަކުން ދަނީ މިކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ވެބްސައިޓްތައް ހިންގާ ފަރާތްތަކުން އަވަހަށް ކުއްލި އަޕްޑޭޓްތައް (އިމަޖެންސީ ފިކްސް) އެޅުމަށް ނުވަތަ ވަގުތީގޮތުން ވެބްސައިޓްތައް އޮފްލައިން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ހޯދުމުގައި ބައިވެރިވި ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ 'ވިޒް' އިން ބުނި ގޮތުގައި، މިއީ މިހާތަނަށް އޭއައި މެދުވެރިކޮށް ދެނެގަނެވުނު އެންމެ ނުރައްކާތެރި ސެކިއުރިޓީ މައްސަލައެވެ. އަދި މި މައްސަލަ ދެނެގަތުމަށް ޓެކްނޮލޮޖީ ފޯރުކޮށްދިން 'އޯޕަން އޭއައި' އިން ހާމަކުރި ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ބޮޑު ނުރައްކާ އެކުލެވޭ ސެކިއުރިޓީ މައްސަލައެވެ.
ޕީއެޗްޕީ (PHP) އަކީ ކޮބައި؟
ގިނަ މީހުންނަށް 'ޕީއެޗްޕީ' ގެ ނަން އަޑުއިވިފައި ނެތް ނަމަވެސް، ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރާއިރު މި ޓެކްނޮލޮޖީގެ ބޭނުން ނުސީދާކޮށް ހިފެއެވެ. ޕީއެޗްޕީ (PHP: Hypertext Preprocessor) އަކީ ވެބް ސާވަރތަކުގައި ހިންގާ އޯޕަން ސޯސް، ބެކް-އެންޑް ޕްރޮގްރާމިންގ ބަހެކެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅު އުފެއްދި މި ބަހަކީ، މިއަދުވެސް ވިކިޕީޑިއާ، އޮންލައިން ފިހާރަތައް އަދި ދުނިޔޭގެ ގިނަ ވެބްސައިޓްތައް ބިނާކޮށްފައިވާ ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތައް ހިންގާ މައިގަނޑު އަސާސެވެ.
މީހަކު ވެބްސައިޓަކަށް ވަނުމުން، ޑޭޓާތައް އެއްކޮށް ކިޔަން އެނގޭނެ ފަދަ ޞަފްޙާއަކަށް ބަދަލުކޮށްދެނީ މި ޕީއެޗްޕީ ކޯޑުތަކުންނެވެ. މީގެއިތުރުން ވެބް އެޕްލިކޭޝަންތައް ހެދުމަށް ބޭނުންކުރާ މަޤްބޫލު ފްރޭމްވޯކްތައް ކަމަށްވާ ލަރަވެލް، ސިމްފޮނީ އަދި ޑްރޫޕަލް އަކީވެސް ޕީއެޗްޕީ ބޭނުންކޮށްގެން އުފައްދާފައިވާ ވަސީލަތްތަކެވެ. ސައިބާ ސެކިއުރިޓީ ފާމް ވިޒް އިން ބުނާ ގޮތުގައި ދުނިޔޭގެ ވެބްސައިޓްތަކުގެ 70 އިންސައްތަ ހިންގަނީ ޕީއެޗްޕީގެ އެހީގައެވެ. މި ބަސް ބަލަހައްޓަނީ ލާބައަށް މަސައްކަތް ނުކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕީއެޗްޕީ ފައުންޑޭޝަން" އިންނެވެ.
ފެނިގެން އުޅޭ ސެކިއުރިޓީ މައްސަލައަކީ ކޮބައި؟
ސައިބާ ސެކިއުރިޓީ ދިރާސާވެރިން މި ހަފްތާގައި ހާމަކުރި ގޮތުގައި، މުޅި އިންޓަނެޓް ހުއްޓުމަކަށް ގެނައުމުގެ ޤާބިލުކަން ލިބިފައިވާ ދެ ސެކިއުރިޓީ މައްސަލައެއް ޕީއެޗްޕީއިން ވަނީ ފެނިފައެވެ. "php2shell" ގެ ނަން ދެވިފައިވާ މި މައްސަލައަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ނެރުނު ޕީއެޗްޕީގެ ހުރިހާ ވާޝަންތަކެއްގައިވެސް އަސްލު އެކުލެވިގެންވާ މައްސަލައެކެވެ. މިއީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި މައްސަލަ ކަމަށް ކެލިފް ގެ ދިރާސާވެރިޔާ ރަޔަން އޮސްޓިން ވަނީ ބީބީސީއަށް ބުނެފައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ހެކަރުންނަށް މި ބަލިފައިގެ ބޭނުން ހިފައިގެން ސާވަރުތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، އޭގައިވާ ސިއްރު ޒާތީ މަޢުލޫމާތުތައް ވަގަށް ނެގުމުގެ ފުރުޞަތު އެބައޮތެވެ. ގޮރިއްލާ ސައިބާ ސެކިއުރިޓީގެ ސީއީއޯ ޕައުލް ސްޕެއިން ބުނި ގޮތުގައި، އޭއައި ބޭނުންކޮށްގެން މިފަދަ ހަމަލާތައް ދިނުން މިހާރު އިތުރަށް އަވަސްވެ ފަސޭހަވާނެ ކަމަށާއި، މިކަމުގެ އަސަރު އެތައް މިލިއަން ވެބްސައިޓަކަށް ކޮށްފާނެއެވެ. އަދި އެޑިލައިޑް ޔުނިވަރސިޓީގެ ދިރާސާވެރިޔާ ޖިލް ސްލޭ ވިދާޅުވީ، އެކި ޤައުމުތަކުން ނުވަތަ ހެކަރުން މިއީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ މިއީ ބޮޑު ކާރިސާއަކަށް ވެގެންދާނެ ކަމަށެވެ.
އަސަރުކޮށްފައިވާ ވެބްސައިޓްތައް
މި ނުރައްކަލާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގޭމިންގ ޕްލެޓްފޯމްތަކާއި، ސަރުކާރުގެ ޕޯޓަލްތަކާއި އަދި އޮންލައިން ފޯރަމްތަކަށް ވަނީ ބުރޫއަރައިފައެވެ. އޭގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިކިޕީޑިއާ ހިންގާ ވިކިމީޑިއާގެ ބައެއް ސިސްޓަމްތައް ވަނީ ވަގުތީގޮތުން ނިއްވާލައިފައެވެ.
މީގެއިތުރުން ފިންލޭންޑް ސަރުކާރާއި، އެޑިންބަރާ ކައުންސިލް އަދި އިނގިރޭސިވިލާތުގެ ބީބީސީގެ ބައެއް ޕޭޖްތަކުގެ އިތުރުން، ނެދަލެންޑްސްގެ ސައިބާ ސެކިއުރިޓީ އެޖެންސީގެ އަމިއްލަ ވެބްސައިޓްވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފްލައިން ކޮށްފައެވެ. މިއީ މި މައްސަލައިގެ ނުރައްކާތެރިކަން ހުރި މިންވަރު އަންގައިދޭ އަލިގަދަ ހެއްކެކެވެ.

