ދިވެހިރާއްޖޭގެ އެކައުންޓިންގ އަދި މާލީ ދާއިރާގެ 400 އަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026″ ހުޅުމާލޭގައި ފަށައިފިއެވެ. މިއީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ މުހިންމު ފޯރަމެކެވެ.
ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމަކީ ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމުގެ އިތުރުން ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން މި ދާއިރާގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމަށާއި، އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުމަކީވެސް މި ފޯރަމްގެ މައިގަނޑު މަޤުޞަދެކެވެ.
މި އަހަރުގެ ފޯރަމް ކުރިއަށްދަނީ "ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއެންސް" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކާއި މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ކުރިމަގުގެ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މިއީ މިހާރު ހަމައެކަނި އެކައުންޓަންޓުންގެ އެއްވުމެއް ނޫން ކަމަށެވެ. އަދި މާލީ މާހިރުންނާއި ވިޔަފާރިވެރިން، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން، އިންވެސްޓަރުން އަދި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން ޤައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް މި ފޯރަމް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކައުންޓަންޓުންގެ ފޯރަމެއްގައި އިޤުތިޞާދީ މައްސަލަތަކަށް ބަހުސްކުރާ ސަބަބު ބަޔާންކޮށްދެއްވަމުން ޙަލީމް ވިދާޅުވީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް (އައިއެފްއާރްއެސް)، އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (އައިއެސްއޭ) އަދި ޓެކްސް ފަދަ ޓެކްނިކަލް ދާއިރާތަކަށް ޚާއްޞަކޮށްގެން ސީއޭ މޯލްޑިވްސްއިން ވަކިން ފޯރަމްތަކާއި ސީޕީޑީ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. އަދި މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމަކީ މައި ފޯރަމަށް ވުމާއެކު، އިޤުތިޞާދީ، މާލީ، ރެގިއުލޭޓަރީ އަދި ޓެކްނޮލޮޖީއާ ގުޅުންހުރި މުހިންމު ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޖާގަދެވޭ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގެ ތެރެއިން މާލީ ދާއިރާއާ ގުޅުންހުރި މުހިންމު 12 މައުޟޫޢަކަށް ޕްރެޒެންޓޭޝަންތަކާއި، ކީ ނޯޓް ސްޕީޗްތައް އަދި ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ (އެފްޑީއައި) އިޤުތިޞާދީ ނަތީޖާއާއި، ދައުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިތުރުން، ސްރީލަންކާގެ އިޤުތިޞާދީ ކާރިސާއިން ރާއްޖެއަށް ލިބިގަނެވޭނެ ފިލާވަޅުތައް ހިމެނެއެވެ. އަދި ރަސްމާލޭގައި ތަރައްޤީކުރާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއެއްވެސް ހިމެނެއެވެ.
މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މާލީ ރިޕޯޓިންގ ތައްޔާރުކުރުމަށް އައިއެފްއާރްއެސް އެސް1 އަދި އެސް2 ތަންފީޒުކުރުމާއި، ސައިބަރ ރިސްކުތަކުން ރައްކާތެރިވުމާއި، ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ހުރި ހުރަސްތަކާއި، ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭގޮތުން މި ފޯރަމުގައި މަޝްވަރާކުރާނެއެވެ. ހަމައެއާއެކު، އިންޓަރނަލް އޮޑިޓް ޒަމާނީ ކުރުމާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭ އައު ރިޕޯޓިންގ އިލްތިޒާމްތަކަށް އަހުލުވެރިކުރުވައި، ދާއިރާގެ މަސައްކަތްތެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މޯޓިވޭޝަނަލް ސެޝަނެއްވެސް ކުރިއަށްދާނެއެވެ.

