މީރާ އަށް ޓެކްސް ނުދައްކާ ކުންފުނިތަކާއި ބަޔާން ހުށަނާޅާ 213 ކުންފުނީގެ ނަން މީރާ އިން އާންމުކޮށްފި އެވެ.

މީރާއިން ދެ ލިސްޓެއް އާއްމުކޮށްފައިވާ އިރު، މުއްދަތު ހަމަވި އިރު ޓެކްސް ބަޔާން ހުށަނާޅާ 179 ކުންފުންޏެއް ވެއެވެ. އަދި 34 ކުންފުނީގެ ނަން އާންމުކޮށްފައިވަނީ ޓެކްސް ނުދައްކައިގެންނެވެ.

ޓެކްސް ބަޔާން ހުށަހަޅާ ކުންފުނިތަކުގެ ތެރޭގައި ޓެކްސް ނުދައްކާ ކުންފުނިތައް ހިމެނެ އެވެ. އަދި ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނެނީ ބަޔާން ހުށަހެޅުމަށް ފަހު ޓެކްސް ޕޭމަންޓް ނުދައްކާ ކުންފުނިތަކެވެ.

ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނެނީ ދައްކަން ޖެހޭ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ އިތުރުވާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޖީޖީއެސްޓީ ވެސް ހިމެނެ އެވެ.

އެ ކުންފުނިތަކުގެ ލިސްޓުގައި، ރިސޯޓު ކުލި ނުދައްކާ ކަމަށް މީރާއިން ނެރުނު ލިސްޓުގައި ހިމެނޭ ކުންފުނިތައް ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ޓްރިޕަލް އޭ ޓްރޭޑިން އާއި ބްރެއިނާ ކޮއްޓަފަރާއި ޖާހު ޕްރައިވެޓް ލިމިޓެޑާއި މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ސައުތު ޕާމް ރިސޯޓު ފަދަ ކުންފުނިތައް ހިމެނެ އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ޓެކްސް ނުދައްކާ ކުންފުނިތަކެވެ.

މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓެކްސް އާއި ކުލީގެ ގޮތުގައި ނުލިބި 7.5 ބިލިއަން ރުފިޔާ ވެއެވެ.

އޭގެ ތެރޭގައި ޖީޖީއެސްޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި 876 މިލިއަން ރުފިޔާ ލިބެން ޖެހޭ އެބަ ހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި ނުލިބި 2.9 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.

"ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން މީރާގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް ފަހު ގެޒެޓުގައި ވެސް އެފަދަ ކުންފުނިތަކުގެ މައުލޫމާތު ހިމަނާނެ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *