މިފްކޯގެ ފްލީޓަށް އިތުރުކުރާ “ޖަޒީރާ 106” ރާއްޖެ ބަނދަރުކޮށްފިއެވެ.
“ޖަޒީރާ 106″ ރާއްޖެ އައުމަށް ދަތުރު ފަށައިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ތައިލޭންޑުންނެވެ. އަދި ރޭގެ ވަގުތެއްގައި އެބޯޓު ވަނީ ރާއްޖެއަށް ބަނދަރުކޮށްފައެވެ.
މިފްކޯއިން މިއަހަރު ގެންނަން ނިންމި 4 ބޯޓުގެ ތެރެއިން ދެން ބާކީ ހިމެނޭ ދެ ބޯޓުވެސް، އަހަރު ނިމުމުގެ ކުރިން ގެންނާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މި ބޯޓުތަކަކީ ދުވާލަކު، 60 ޓަނުގެ މަސް ފިނިކޮށް، އަދި 200 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.
މި ތިން ބޯޓު މިފްކޯގެ ފްލީޓާއި ގުޅުމުން ދުވާލަކު އިތުރު، 180 ޓަނުގެ މަސް ގަތުމުގެ ޤާބިލުކަން ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ފުރަތަމަ ބޯޓު ގެނެސްފައިވަނީ މިއަހަރުގެ މަރޗްމަހުއެވެ. "ޖަޒީރާ 3″ މިހާރު ރާއްޖޭގެ ދެކުނުގެ މަސްވެރިކަމުގެ ޚިދުމަތުގައި ދަނީ ބޭނުންކުރަމުންނެވެ.
އައު ބޯޓުތައް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސް ބާނާ ސަރަޙައްދުތަކަށް ދަތުރުކޮށް، ކަނޑުމަތިން ފަސޭހައިން މަސް ކިރޭނެ މަގު ފަހިކޮށްދިނުންކަމަށް މިފްކޯއިން ބުނެއެވެ.
މި ބޯޓުތައް ބޭނުންކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައެވެ. މިއާއެކު، މަސްކިރުވުމުގައި މަސްވެރިންގެ ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
މިފްކޯގެ ޖަޒީރާ ސީރީޒްގެ މި 4 ބޯޓާއެކު، ދުވާލަކު 300 ޓަނުގެ މަސް ފްރީޒްކުރުމުގެ ޤާބިލުކަން ލިބޭނެކަމަށް މިފްކޯއިން ބުނެއެވެ.މިދިޔަ 5 އަހަރުގެ ތެރޭގައި ކެރިއަރ ބޯޓުތައް ހިމެނޭހެން، ޖުމްލަ 6 ބޯޓު މިފްކޯގެ ފްލީޓަށް ވަނީ އިތުރުކޮށްފައެވެ.

