މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލް އިން މީޑިއާއަށް ބުނެފައިވަނީ މި އާ ބެގޭޖް ހޭންޑްލިން ސިސްޓަމަކީ ވީއައިއޭގެ އޮޕަރޭޝަންތައް ތަރައްޤީކޮށް ދަތުރުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އާ ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓުކުރިމަތީގައި ގިނައިރުވަންދެން ކިއު ހަދައިގެން ތިބުން ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

ވީއައިއޭގައި އެމްއޭސީއެލް އިން ގާއިމުކުރާ އިންލައިން ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމަކީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ވެސް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން މެނުއަލްކޮށް ބެގޭޖް ހޭންޑްލްކޮށް ސްކްރީން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލެވޭނެ އެެވެ.

އެގޮތުން މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ނުވަތަ ސެލްފް ސާވިސް ކިއޮސްކުގައި ބެގޭޖް ޗެކްއިންކޮށްލުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދެ އެވެ. އަދި ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް މި ސިސްޓަމުން ބޭނުންކުރާނެ އެވެ.

މިސިސްޓަމް އެއްކޮށް އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނީ އަންނަ މަހެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *