ފަތުރުވެރިކަމަށް 63000 އަށްވުރެ ގިނަ އެނދު ނެރެފިކަމަށް ޓުވަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް 63085 އެނދު ވަނީ ނެރެފައެވެ. މިއީ 1274 ފަތުރުވެރިކަމުގެ ފެސިލިޓީއަކުން ނެރެފައިވާ އެނދެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުހުރީ 59625 ގައެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް މިވަނީ ފަތުރުވެރިކަމަށް އިތުރު 3460 އެނދު ނެރެފައެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ނެރެފައިވާ އެނދުގެ އަދަދުތަކަށް ބަލާލާއިރު 175 ރިސޯޓަކުން 42817 އެނދު، 14 ހޮޓަލަކުން 1940 އެނދު، 922 ގެސްޓް ހައުސްއަކުން 15120 އެނދު އަދި 163 ސަފާރީއަކުން 3208 އެނދު ނެރެފައިވެއެވެ.

ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށް، އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ އެނދުގެ އަދަދުވަނީ 63951 އަށް އަރާފައެވެ.ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް އަންނަނީ ކުރިއެރުން ލިބެމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 13.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *