އޮގަސްޓު މަސް ނިމުނުއިރު، ގްރީން ފަންޑުގައި ހުރި ފައިސާގެ އަދަދު 1.02 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުތެރޭ ފަންޑަށް 686 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، އެ ފަންޑުންވަނީ 436 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީހުރި ޢަދަދާއި، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ގްރީޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއެކު ގްރީން ފަންޑުގައި މިހާރު ޖުމްލަ 1.02 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ފުރަތަމަ 8 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ޢަދަދު:

• ޖެނުއަރީ – 100.7 މިލިއަން ރުފިޔާ

• ފެބުރުވަރީ – 91.8 މިލިއަން ރުފިޔާ

• މާރިޗް – 105.4 މިލިއަން ރުފިޔާ

• އެޕްރީލް – 94.9 މިލިއަން ރުފިޔާ

• މެއި – 83.0 މިލިއަން ރުފިޔާ

• ޖޫން – 50.2 މިލިއަން ރުފިޔާ

• ޖުލައި – 91.0 މިލިއަން ރުފިޔާ

• އޮގަސްޓް – 69 މިލިއަން ރުފިޔާ

ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ތަރައްޤީގެ ގިނަ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަންނަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނަގައެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ނަގައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *