އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާ ޗައިނާއާ އެކު ރާއްޖެއިން އެކުލަވައިލައިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"މި ފަހުން ރާއްޖެއިން ވެވުނު އެއްބަސްވުންތައް (ޗައިނާ އަދި ތުރުކީ އެގްރީމެންޓް) ސަބަބުން ދިވެހި ސަރުކާރަށް ލިބޭ އާމްދަނީ ގެއްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސް ބްރީފިނެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވި އެވެ.
ސިދާ ޗައިނާގެ ނަން ނުގެނެސް ޖައިސްވާލް ވިދާޅުވީ އިންޑިއާގެ ސިޔާސަތު އެކުލަވައިިލުމުގައި އެކަންކަމަށް ވިސްނާނެ ކަމަށެވެ. ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ބައެއް މުދަލުން ޓެރިފް ކުޑަވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހުސްވި ނޮމެވްބަރު މަހު އެވެ.
ރާއްޖެ-ޗައިނާ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވުމާއެކު އެއް ގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނެ ކަމަށްވެސް ބުންޏެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.

