MTCC logo

އެމްޓީސީސީ

އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އުފެދުނީ 18 ޑިސެމްބަރު 1980 ގައެވެ. އެ ކުންފުނީގެ މަޤްޞަދަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. ފުރަތަމަ އެމް.ޓީ.ސީ.ސީން ވަނީ ދަތުރުފަތުރުގެ ޚިދުމަތާއި، އިންޖީނާއި، ސްޕެއަރ ޕާޓްސް ފޯރުކޮށްދީ، ކުރިއަރަމުން އައި ފަތުރުވެރިކަމާއި، ވިޔަފާރި އަދި މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި، އެކުންފުނި ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށާއި، އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ އިސް ކުންފުންޏަށެވެ.

މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމާއި، އަދި މަސްވެރިކަމުގެ ދާއިރާ ޒަމާނީ ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގެ އިޤްތިޞާދު ހަލުވި ކުރިއެރުމުގައި އެމްޓީސީސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއަދު އެކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި އެއަރޕޯޓްތަކާއި، މަގުތަކާއި، އަދި ބޮޑެތި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އިތުބާރު ހުރި އިންޖީނާއި، އޭގެ ސްޕެއާއާއި، އަދި ޚިދުމަތްތައް ފޯރުކޮށްދީ، ކަނޑުގެ ސިނާޢަތަށް އެކުންފުނިން ދަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިސްތިރާތީޖީ އިންވެސްޓްމަންޓްތަކާއި އައު ޓެކްނޮލޮޖީގެ އެހީގައި، ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި އަދި ތަފާތު ދާއިރާތަކުން ކުރިއެރުން ހޯދުމަށް އެކުންފުނިން އިސްކަންދެއެވެ. އެމްޓީސީސީގެ މަޤްސަދަކީ ޤައުމު ބިނާކުރުމާއި ގުޅުވައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތުގެ ގޮތުގައި ދެމިއޮތުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ.