މޯލްޑިވްސް އެސޯސިއޭޝަން ފޯ ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2026″ އަންނަ މަހުގެ 11 އިން 12 އަށް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ މި ކޮންވެންޝަން ބާއްވާ ހަވަނަ ފަހަރެވެ. މިއަހަރުގެ ކޮންވެންޝަންގެ މައިގަނޑު ޝިއާރަކީ "ހިއުމަން އެޖް: ތްރައިވިން އިން އަ ވޯލްޑް އޮފް އޭއައި" ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔެއެއްގައި އިންސާނީ ބާރު ކުރިއެރުވުމެވެ.
މިއީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ޒަމާނެއްގައި، އިންސާނިއްޔަތުކަމަށް އިސްކަންދޭ ލީޑާޝިޕްގެ މުހިންމުކަން ހާމަކޮށްދިނުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ ޝިއާރެކެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކުގެ ހިންގުމަށާއި މަސައްކަތްތެރިންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ މުއައްސަސާތަކަށްވެސް ވަނީ މި ބަދަލުތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ކޮންވެންޝަންގެ ޒަރީއާއިން، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް އިންސާނީ ވަސީލަތްތަކުގެ މުހިންމުކަން ދެމެހެއްޓުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އެމްއޭއެޗްއާރުޕީއިން ބުނެއެވެ. ޚާއްސަކޮށް، ބަދަލުތަކަށް ހޭނުމާއި، މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، ލީޑާޝިޕްގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމު ކަމަށް މި އަހަރުގެ ސެޝަންތަކުގައި އަލިއަޅުވާލާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މިއަހަރުގެ ކޮންވެންޝަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ގިނަ މާހިރުންތަކެއް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
