ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅު، ސްވިފްޓުން ބޭންކު ސަންޕެންޑެއް ނުކުރޭ: ޝަރީފް

ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭގައި 364 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބޭންކާ ބެހޭގޮތުން ފަހަކަށް އައިސް ފެތުރެމުންދާ އަޑުތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، ބޭންކުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ކާމިޔާބު މަޝްރޫޢުތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ބޭންކާއި ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެ ފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ.

ޚާއްޞަކޮށް، ސްވިފްޓުން ބޭންކް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތުމުން ޓީޓީ ފަދަ ބޭރުގެ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޝަރީފް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަންޖެހޭ މިންވަރަށް އެބަހުރި ކަމަށާއި، ނޮސްޓްރޯ އެކައުންޓްތަކުގައި ވެސް ކަނޑައެޅިފައިވާ ލިމިޓަށް ފައިސާ އެބަހުރި ކަމަށެވެ.