މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "1544″، ހޮޓްލައިން ތައާރަފުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

އެމްއެމްއޭ އިން ބުނީ އެ ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށެވެ. އެ ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޕޭމަންޓް މޯލްޑިވްސް އިން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، މާލީ ހިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ. ނަމަވެސް އަލަށް ތައާރަފުކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ހިދުމަތްތަކަށް ހާއްސަކުރެވިފައިވާ ނަންބަރެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މިއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ހިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް އެމްއެމްއޭ އިން އުންމީދު ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *