ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ތިމާވެށި ހިމާޔަތް ކުރުމާއި ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ ގައުމުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމްޕީ، ވިޖިތަ ހޭރަތާއެކު މިއަދު އޮތް ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ރާއްޖެއާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވި ކަމަށާއި ދެ ގައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް އަރުވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.
ރައީސްގެ ދެކަނބަލުން، މި މަހުގެ 3 އިން 6 އަށް ކުރައްވާ ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

