ކުޑަކުދިންގެ ދުވަހާ ގުޅިގެން އައިކެއަރ އިން ލޮލުގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އައިކެއަރއިން ވަނީ "ބްރައިޓް އައިސް ބޭސިކް" އަދި "ބްރައިޓް އައިސް އެޑްވާންސް" ގެ ނަމުގައި ދެ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އައިކެއަރ އިން މައުލޫމާތު ދޭ ގޮތުގައި، މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑުމަށްފަހު 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

މި ޕެކޭޖުތަކުން ލިބޭ ހިދުމަތްތަކަށް ބަލާއިރު:

ބްރައިޓް އައިސް ބޭސިކް ޕެކޭޖް:

  • ލޮލުގެ ފެނުން ޓެސްޓުކުރުން
  • ލޮލުގެ ނަންބަރު ބެލުން
  • ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުން

ބްރައިޓް އައިސް އެޑްވާންސް ޕެކޭޖް:

  • ލޮލުގެ ފެނުން ޓެސްޓުކުރުން
  • ލޮލުގެ ނަންބަރު ބެލުން
  • ކޯނިއަލް ޓޮޕޮގްރަފީ ހެދުން
  • ފަންޑަސް ފޮޓޯގްރަފީ ނެގުން

އައިކެއަރއިން ބުނީ މި ފުރުސަތުގެ އެންމެ މައިގަނޑު ބޭނުމަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބެލެނިވެރިންނަށް ބާރުއެޅުމެވެ. ވަކިން ހާއްސަކޮށް މިހާރު ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި، ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވޭތީ، މިފަދަ މައްސަލަތަކުން ދުރާލާ ސަލާމަތްވުމަށް މަގުފަހިކޮށްދިނުމަކީ ހޮސްޕިޓަލުގެ އަމާޒެކެވެ.

18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްފައިވާ މި ޕެކޭޖުތަކުގެ ދަށުން ފަރުވާ ދެއްވާނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނެވެ. މި ޕްރޮމޯޝަން 10 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށް އައިކެއަރ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.