ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 'އެކްސައިޓިންގ މޯލްޑިވްސް' އަށް ފަޚުރުވެރި 18 އަހަރު

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކޮށް، ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ "އެކްސައިޓިންގ މޯލްޑިވްސް" އަށް 18 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. މި ޚާއްސަ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ހަފުލާ ހޯސްޓްކޮށްފައިވަނީ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގެ ހެޔޮއެދުންތަކާއިއެކު އެ ރިސޯޓުގައެވެ.
2008 ވަނަ އަހަރު ވަރަށް މަދު މުވައްޒަފުންތަކަކާއެކު އުފެދުނު މި ކުންފުންޏަކީ، ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ކުރި ބުރަ މަސައްކަތުން މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިތުބާރު ހިފޭ އެއް "ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީ" (ޑީ.އެމް.ސީ) އެވެ. މި މުއްދަތުގެ ތެރޭގައި އެކްސައިޓިންގ މޯލްޑިވްސް އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުމެއް ގާއިމުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާނުން ފޮހެލަން ދަތި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ.

މި އަހަރީ ދުވަހުގެ އުފާ ފާޅުކުރުމުގައި ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓުތަކަކުން ވަނީ އެއްބާރުލުން ދީފައެވެ. އޭގެ ތެރޭގައި ވޮލްޑޯފް އެސްޓޯރިއާ އިތާފުށި، ޖޯލި މޯލްޑިވްސް، ޖޯލި ބީންގ، ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ، ބަރޮސް މޯލްޑިވްސް، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް، ސިއްރު ފެން ފުށި ޕްރައިވެޓް ލެގޫން ރިސޯޓް، ކޮކޫން މޯލްޑިވްސް، ދުސިތް ޑީޓޫ ފޭދޫ މޯލްޑިވްސް، ސޯ މޯލްޑިވްސް، މިލިއާ މޯލްޑިވްސް، ނޯކޫ މޯލްޑިވްސް، ކުރުމްބާ މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ، ސައި ލެގޫން މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، ސަން ސިޔާމް ރިސޯޓްސް، ފުރަވެރި މޯލްޑިވްސް، ސިންމަން ދޮންވެލި މޯލްޑިވްސް އަދި އަދާރަން ސިލެކްޓް ހުދުރަންފުށި ފަދަ ބްރޭންޑްތައް ހިމެނެއެވެ. އެކްސައިޓިންގ މޯލްޑިވްސް އިން ވަނީ މި ހުރިހާ ޕާޓްނަރުންނަށާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކުންފުނީގެ ކާމިޔާބު ދަތުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައުންޑަރ އަދި ސީ.އީ.އޯ މުޙައްމަދު ތަސްލީމް ވިދާޅުވީ، މިއީ މުޅި ޓީމުގެ ބުރަ މަސައްކަތާއި ކުންފުންޏަށް އިތުބާރުކުރި ހުރިހާ ފަރާތްތަކެއްގެ ކާމިޔާބީއެއް ކަމަށެވެ. އަދި ކުންފުނީގެ ކާމިޔާބީ ބިނާވެފައިވަނީ ދާއިރާގެ ތެރޭގައި އުފައްދާފައިވާ ވަރުގަދަ ގުޅުންތަކުގެ މައްޗަށް ކަމަށް ތަސްލީމް ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އެކްސައިޓިންގ މޯލްޑިވްސް އިން ވަނީ ދުނިޔޭގެ ބަދަލުވަމުންދާ ފަތުރުވެރިކަމުގެ ބާޒާރަށް ފައިހަމަކޮށް، ކުންފުނީގެ ބްރޭންޑް އާކޮށް ޒަމާނީ ބަދަލުތައް ގެނެސްފައެވެ. އެ ކުންފުނީގެ ކުރިމަގުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުން އިތުރަށް ފުޅާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ އަދި ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.