ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ދިވެހި ވިޔަފާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ދާއިރާއެއްގެ ވިޔަފާރި ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި ބަދަލާ ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ވިޔަފާރިތަކާ ގުޅޭގޮތް ވެފައިނުވާތީ، އެ ފަރާތްތަކުގެ ނަންތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޢާންމުކޮށް އިޢުލާންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙުތަކާއެކު، އަންނަ އޮކްޓޫބަރު މަހުގެ 8 އިން ފެށިގެން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން މަނާވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން، އެއަރލައިންތަކުގެ ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓުގެ ޚިދުމަތްތައް ހިމެނެއެވެ. ވުމާއެކު، މި ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކުން ވިޔަފާރި ހުއްޓާލަން ޖެހޭނެއެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅުތައް އެޅުމަށް ބޭރު ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި އިންތިޤާލީ މަރުޙަލާގެ އިންތިޒާމުތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ގުޅުމަށް މަސައްކަތް ކުރި ނަމަވެސް، 8 ކުންފުންޏަކާ ގުޅޭގޮތް ވެފައިނުވާތީ އެ ކުންފުނިތަކުގެ ނަންތައް ހާމަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން، މި ކުންފުނިތަކުން "އިންވެސްޓް މޯލްޑިވްސް" އަށް ގުޅައިގެން އައު ގަވާއިދުގެ ތެރެއިން ޝަރުތުތައް ފުރިހަމަކުރުމަށާއި، ކަނޑައެޅިފައިވާ މުއްދަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި، ޕަސެންޖަރ އަދި ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ނިންމަވައި އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ވިޔަފާރިކުރުމުގެ މުހިންމު ދާއިރާތަކެއް ދިވެހިންނަށް ޚާއްޞަކުރުމުގެ އިތުރުން، ބައެއް ޚާއްޞަ ވަޒީފާތަކަކީވެސް ހަމައެކަނި ދިވެހީންނަށް އަދާކުރެވޭނެ ވަޒީފާތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން އުންމީދުކުރައްވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުވެ، ޤައުމުގެ މާލީ ޙާލަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

