ދިވެހި އަދި އިނގިރޭސި ބަހުން ގުދުރަތީ ރާގަކަށް ޝުޢޫރުތައް ފާޅުކޮށްދޭ އަޑު އުފެއްދުމަށްޓަކައި، "ތާނަ އޭއައި" އިން ވޮއިސް ކްލޯނިން އަދި އައު ޓެކްސްޓް-ޓު-ސްޕީޗް (ޓީޓީއެސް) މޮޑެލްތަކެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި އައު އަޕްޑޭޓާއެކު، އެއް ޖުމުލައެއްގެ ތެރޭގައި ދިވެހި އަދި އިނގިރޭސި ބަސް އެކުލަވާލައިގެން ވާހަކަދެއްކުމާއި، ދިވެހި ނަންތައް ރަނގަޅަށް ކިޔުމުގެ އިތުރުން، އަޑުގެ އަވަސްމިނާއި ޕިޗް ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. މި މޮޑެލްތަކަކީ އާންމު ދިރިއުޅުމުގެ ވާހަކަދެއްކުމުގައި ދިވެއްސާއި އިނގިރޭސި އެކުލަވާލައިގެން ބޭނުންކުރާ ގޮތަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ މޮޑެލްތަކެކެވެ.

އޯޑިއޯ އުފެއްދުމުގެ ކުރިން، މި ސިސްޓަމުން "ޓެކްސްޓް ނޯމަލައިޒޭޝަން" ބޭނުންކޮށްގެން ކުރުކޮށް ލިޔެފައި ހުންނަ ލަފުޒުތައް ދިގުކޮށް އިބާރާތް ކުރެއެވެ. މީގެ ސަބަބުން ނަންބަރުތަކާއި، ތާރީޚުތަކާއި، ވަގުތުތަކާއި އަދި އެކްރޮނިމްސް ސާފުކޮށް ދެނެގަނެ، ޖުމުލައިގެ މާނައަށް ބަލައި އޮޅުންއަރާ ކަންކަން ހައްލުކުރެވިގެންދާނެއެވެ. މިސާލަކަށް، ޑޮކްޓަރު އާއިޝަތަށް އެޕޮއިންޓްމަންޓް އޮތް ވަގުތާއި ތާރީހު ހިމެނޭ ޖުމުލައެއްގައި، ކުރުކޮށް ލިޔެފައި ހުންނަ ނަންތަކާއި އިނގިރޭސި ލަފުޒުތައް ވެސް މި ސިސްޓަމުން ކިޔައިދޭނީ ފަރިތަކަމާއެކު ގުދުރަތީ ރާގުގައެވެ.

ތާނަ އޭއައި އިން އަލަށް ތަޢާރަފުކުރި ވޮއިސް ކްލޯނިން ފީޗާގެ ސަބަބުން ކޮންމެ މީހަކަށް ވެސް އަމިއްލަ އަޑުގެ އޭއައި ވާޝަނެއް އުފައްދައިގެން އަޑުއެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެއް ސްކްރިޕްޓެއްގެ އެކި ބައިތަކަށް ތަފާތު އަޑުތައް ޚިޔާރުކުރުމުގެ ފުރުޞަތު ވެސް މީގެ ތެރެއިން ލިބިގެންދެއެވެ. މި ޚިދުމަތުގެ ސަބަބުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި، މުދައްރިސުންނަށް ފިލާވަޅުތައް ތައްޔާރުކުރުމަށާއި، ވިޔަފާރިތަކަށާއި، އަދި ސަރުކާރުގެ އޮފީސްތަކަށް ވެސް ފަސޭހަކަމާއެކު އޯޑިއޯ ތައްޔާރުކުރެވޭނެއެވެ. މީގެއިތުރުން، ވެބްސައިޓްތަކަށް އަޑު އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން "ޓެކްސްޓް-ޓޫ-ސްޕީޗް އޭޕީއައި" އެއް ވެސް ތަޢާރަފުކުރަން ވަނީ ނިންމާފައެވެ.

އޭއައި އަޑުތައް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަކި އޯޑިއޯއަކީ އެ ޕްލެޓްފޯމުން އުފައްދާފައިވާ އެއްޗެއްތޯ ބެލުމަށް "ތާނަ އޭއައި ވެރިފައި އޯޑިއޯ" ގެ ނަމުގައި އޯޑިއޯ ވެރިފިކޭޝަން ޓޫލެއް މިހާރު ވަނީ ޢާންމުކޮށްފައެވެ.

މީގެއިތުރުން، ޓެކްނޮލޮޖީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، މިނިވަން ފޮރެންސިކް މާހިރުން، އަދި ތާނަ އޭއައި އާއި އެމެރިކާގެ ސައިނެޓެކްސް ހިމެނޭހެން ޚާއްސަ ވޯކިން ގްރޫޕެއް އެކުލަވާލުމަށް ވެސް އެ ކުންފުނިން ވަނީ ދިވެހި ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް