އަވައްޓެރި ސްރީލަންކާގެ މަޝްހޫރު ބޮޑު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ސަންކެން ޖެން އިން ބޭރު ގައުމުތަކުގައި ހިންގާ މަޝްރޫއުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް މާކެޓަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
ލަންކާގެ "ޑެއިލީ މިރާ" ނޫހުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހަތް ގައުމެއްގައި ހިންގި އެކި މަޝްރޫއުތަކުން އެ ކުންފުންޏަށް ވަނީ 900 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
ކުރިން "ސަންކެން އޯވަސީސް" ގެ ނަމުގައި ހިންގި މި ކުންފުނިން މިހާތަނަށް 10 ސިޓީއެއްގައި 36 މަޝްރޫއެއް ކާމިޔާބުކަމާއެކު ވަނީ ނިންމާފައެވެ. ޑެއިލީ މިރާއިން ބުނި ގޮތުގައި، އެ ކުންފުނިން މަސައްކަތްކުރާ ސީޝެލްސް، އިންޑިއާ، ބަންގްލަދޭޝް، ކެންޔާ އަދި މިޔަންމާ ފަދަ ގައުމުތަކަށް ވުރެ ވެސް އާމްދަނީގެ ގޮތުން ރާއްޖެ އުޅެނީ ކުރީގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސަންކެން ޖެން އިން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ "ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް" ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތައް މަރާމާތުކުރުމާއި ބޮޑުކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން، އެ ކުންފުނީގެ ފަހުގެ މަޝްރޫއުތަކުގެ ތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށް އަދި ޑަބްލިއު މޯލްޑިވްސް މަރާމާތުކުރުމުގެ އިތުރުން، ރޮބިންސަން ކްލަބް މޯލްޑިވްސްގައި މޫދު ކޮޓަރިތަކެއް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރާއްޖޭގައި ހޯދި މި ކާމިޔާބީއަށް ފަހު، ސަންކެން ޖެން އިން މިހާރު ތައްޔާރުވަމުން ދަނީ ސައޫދީ އަރަބިއްޔާ، އޮސްޓްރޭލިއާ އަދި ފިޖީއަށް އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށެވެ. އަދި މި ގައުމުތަކުގައި މިހާރު ވެސް އެ ކުންފުނީގެ އޮފީސްތައް ގާއިމުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މޭވަން ގުނަތިލަކަ ވިދާޅުވީ، އަލަށް ވަންނަ މާކެޓުތަކުގައި މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އޭގެ ތެރެއިން ބައެއް މަސައްކަތްތައް އަމަލީ ގޮތުން ފެށޭނެ ކަމަށެވެ. އަދި ކުންފުންޏަށް 50 އަހަރު ފުރުމާ ދިމާކޮށް، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ވެސް ވިޔަފާރި ފުޅާކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ރާއްޖޭގެ ފެންވަރުގެ މަތީ ގިންތީގެ ލަގްޒަރީ ރިސޯޓުތައް ސްރީލަންކާގެ އެއްލާ އަދި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ތަރައްގީކުރުމަށް ސަންކެން ޖެން އިން ވަނީ ނިންމާފައެވެ. މީގެއިތުރުން، އެފްރިކާ އަދި ޕެސިފިކް ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް އެ ކުންފުނިން ރާވަމުންދާއިރު، މިދިޔަ އަހަރު ވަނީ "ސީއެލް ސިނާޖީ" ގައި އިންވެސްޓުކޮށް ލޮޖިސްޓިކްސްގެ ދާއިރާއަށް ވެސް ވަދެފައެވެ.
ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ދުލީޝާ ވިޖޭސިރި ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގައި 300 އަށް ވުރެ ގިނަ އިދާރީ މުވައްޒަފުންނާއި 11،000 އަށް ވުރެ ގިނަ މަސައްކަތްތެރިން ހަރަކާތްތެރިވަމުންދެއެވެ. އަދި މީގެ ތެރޭގައި ގިނައީ ސްރީލަންކާގެ ރައްޔިތުންނެވެ.
ސަންކެން ޖެން އިން ހާމަކުރި ގޮތުގައި، ރާއްޖެ ފަދަ ބޭރު ގައުމުތަކުން ލިބޭ ބޮޑު އާމްދަނީގެ ބައެއް އަނބުރާ ސްރީލަންކާއަށް ފޮނުވައިގެން، އެ ގައުމުގެ އިގުތިސާދަށް އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އަގުބޮޑު ރިސޯޓުތައް ތަރައްގީކުރުމަށާއި މަރާމާތުކުރުމަށް ކުރާ ބޮޑެތި ހޭދަތަކަކީ، ބައިނަލްއަގުވާމީ ކުންފުނިތަކަށް ފަހިވެފައިވާ އަގުހުރި ފުރުސަތެއް ކަމަށް ޑެއިލީ މިރާގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

