ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މުދާ ގަންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ނަންބަރު 20/2021 ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ގަންނަ ފަރާތަށް މުދަލުގެ އަގު ނޭނގި، ހިތްހަމަނުޖެހުން އުފެދެއެވެ.
ވުޒާރާއިން ވަނީ މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން:
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން.
މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން ކޮންމެހެންވެސް ވިޔަފާރިތަކުން ޤާނޫނަށް ތަބާވެ، ކަސްޓަމަރުންނަށް ސާފުކަން ދިނުން މުހިންމެވެ.

