ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސް، މާދަމާއިން ފެށިގެން ބާޒާރުގައި ދައުރުކުރަން ނިންމައިފިއެވެ. މި ނޫޓުތައް ދައުރުކުރަން ފަށާނީ ބާވެ ހަލާކުވެފައިވާ ނޫޓުތަކުގެ ބަދަލުގައެވެ.
އެމްއެމްއޭއިން ހާމަކުރެއްވި ގޮތުގައި، 5 ރުފިޔާގެ ނޫޓު ބާޒާރުގައި މަދުވުމުގެ މައިގަނޑު ސަބަބަކީ މިހާރު ދައުރުކުރަމުންދާ ނޫޓުތައް ބާވެ، ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވުމެވެ. މީގެ އިތުރުން، 5 ރުފިޔާގެ ނޫޓަކީ ދުވަހު ނުވަތަ އާންމުކޮށް ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓަކަށް ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް އެ ނޫޓު ޖަމާކުރާ މިންވަރު މަދުވުމުން ވެސް ސްޓޮކް މަދުވުމަށް މަގުފަހިވެފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އެމްއެމްއޭއިން ވިދާޅުވާ ގޮތުގައި، އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، 5 ރުފިޔާގެ ނޫޓަކީ އާންމުންނާއި ވިޔަފާރިތަކަށް ގިނަ އަދަދަކަށް ދޫކުރާ ނޫޓެއް ކަމަށާއި، މިހާރު ގެނައި ސްޓޮކަކީ 2017 ވަނަ އަހަރު ރަން ދިހަފަހެއް ނޫޓު ސީރީސްގެ 5 ރުފިޔާ ނެރުނު ފަހުން ގެނެވުނު ފުރަތަމަ އާ ސްޓޮކް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ.
އަލަށް ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި މި ނޫޓު ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.
މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާގައި ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވާނެއެވެ. އެމްއެމްއޭއިން ވިދާޅުވީ، އަލަށް ދައުރުކުރަން ފަށާ ނޫޓުތަކާއެކު މިހާރު ބާޒާރުގައި ދައުރުކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

