ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ އިސްލާމިކް ވިންޑޯ "އެލައިޑް ތަކާފުލް" އަށް، ދެކުނު އޭޝިއާ ސަރަޙައްދުގެ އިސްލާމިކް ފައިނޭންސް ފޯރަމް (އައިއެފްއެފްއެސްއޭ) އިން ދޭ 11 ވަނަ އަހަރީ އެވޯޑުގައި ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ. މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވީ އަންގާރަ ދުވަހު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައެވެ.
ޔޫޓީއޯ އެޑިއުކޮންސަލްޓުން އިންތިޒާމުކޮށްގެން "ބިލްޑިންގ ލެގަސީސް" މި ޝިއާރުގެ ދަށުން ބޭއްވި މި ހަފުލާގައި، އެލައިޑް ތަކާފުލްއަށް ވަނީ "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" އެވޯޑު ލިބިފައެވެ. މީގެއިތުރުން، އަންހެނުންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ "ކަމަނަ ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ" ގެ އެވޯޑު ލިބިފައެވެ.
މި އެވޯޑުތަކަކީ 2025 ވަނަ އަހަރުގެ ތެރޭގައި އެލައިޑުގެ ތަކާފުލް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން އެޅި މުހިންމު ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބުނު ކާމިޔާބީއެކެވެ. އެގޮތުން، އާންމު ލައިފް އިންޝުއަރަންސް ވިއްކުން ހުއްޓާލައި، ފުރާނައިގެ ރައްކާތެރިކަމުގެ ހައްލެއްގެ ގޮތުގައި ހަމައެކަނި "ފެމިލީ ތަކާފުލް" ހަމަޖެއްސުމަށް އެލައިޑުން ނިންމި ސްޓްރެޓީޖިކް ނިންމުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، އެލައިޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އާ ކަސްޓަމަރުންނަށް އާންމު އިންޝުއަރަންސްގެ ބަދަލުގައި ހަމައެކަނި ތަކާފުލްގެ ހިދުމަތްތައް ފެންނާނެހެން ޑިޖިޓަލް ޕްލެޓްފޯމުތައް ވެސް ވަނީ ބަދަލުކޮށްފައެވެ.
މި ބަދަލުތަކުގެ އިތުރުން ރާއްޖޭގެ މައި ސިޓީތަކުގައި ކުރިއަށްގެންދިޔަ މާކެޓިންގ، ކަސްޓަމަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން، 2024 އިން 2025 އަށް އެލައިޑްގެ ތަކާފުލް އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލްއަށް ލިބުނު މި ބައިނަލްއަގުވާމީ އެވޯޑަކީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއަރުވައި، ރައްޔިތުންގެ މެދުގައި ތަކާފުލްގެ ހިދުމަތްތަކަށް އޮތް އިތުބާރު ބޮޑުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެކެވެ.

