ދުނިޔޭގެ ހިއްސާގެ ބާޒާރުން އެތައް ޓްރިލިއަން ޑޮލަރެއް ގެއްލިގެންދިޔަ ބޮޑު ވެއްޓުމަކަށް ފަހު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ކުޑަކޮށް ރަނގަޅުވާން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ބާޒާރުތަކުން ފެށިގެން، ހުކުރު ދުވަހު އޭޝިއާ އަދި ޔޫރަޕުގެ މާކެޓުތަކަށް ފެތުރިގެންދިޔަ މި ހީނަރުކަމަށްފަހު، ޓެކްނޮލޮޖީ ހިއްސާތައް ގިނަ ނަސްޑެކް އިންޑެކްސް ވަނީ ކުރިއެރުމަކާއެކު ހުކުރު ދުވަހުގެ ވިޔަފާރި ނިންމާލާފައެވެ. ބުރާސްފަތި ދުވަހު 5.5 އިންސައްތައިގެ ދަށްވުމެއް އައި ނަމަވެސް، ހުކުރު ދުވަހު ނަސްޑެކް ވަނީ 1.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

މީގެއިތުރުން، އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ އެސްއެންޑްޕީ 500  އިންޑެކްސް 0.3 އިންސައްތައިގެ ކުރިއެރުމެއް ހޯދިއިރު، ޑައު ޖޯންސް އިންޑެކްސް ވަނީ 0.4 އިންސައްތަ ދަށަށް ގޮސްފައެވެ. މި ބަދަލުތަކާއެކު، ބާޒާރުގެ އަގުން އެތައް ބިލިއަން ޑޮލަރެއް ގެއްލުނު އެންވީޑިއާ، ސްޕޭސްއެކްސް އަދި ޓެސްލާ ފަދަ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ.

އިންވެސްޓަރުން ޓެކްނޮލޮޖީ ހިއްސާތައް އަވަސްއަރުވާލައިގެން ވިއްކަން ފެށި މައިގަނޑު ސަބަބަކީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބު ކުރުމާ ގުޅިގެން، އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުން ކެމްޕޭން ކުރައްވާފައިވަނީ އޭއައި އަދި ޑޭޓާ ސެންޓަރުތަކަށް ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށެވެ. އެ ޕާޓީން މިހާރު ވަނީ އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތުވެސް ހޯދާފައެވެ.

ނަމަވެސް، އެމެރިކާގެ ވަޒީފާގެ ބާޒާރުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު އަލަށް 165،000 ވަޒީފާ އިތުރުވެ، އިގްތިސާދު ވަރުގަދަވަމުން އަންނަކަމުގެ ނިޝާންތައް ފެނުމުން ބާޒާރަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އެމެރިކާގެ ބާޒާރު ކޮޅަށްޖެހުނު ނަމަވެސް، އޭޝިއާ އަދި ޔޫރަޕުގެ މާކެޓުތަކުގެ ހާލަތު އޮތީ ދަށުގައެވެ. ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް 6 އިންސައްތަ ދަށަށް ދިޔައިރު، ޗިޕް އުފައްދާ އެސްކޭ ހައިނިކްސްގެ ހިއްސާ ވަނީ 10 އިންސައްތައަށް ވުރެ ބޮޑަށް ވެއްޓިފައެވެ. އަދި ޖަރުމަނު، ފްރާންސް، ސްޕެއިން އަދި އިނގިރޭސިވިލާތުގެ އެފްޓީއެސްއީ 100  އިންޑެކްސްވެސް ވަނީ 1.01 އިންސައްތަ ދަށަށް ގޮސްފައެވެ. އިނގިރޭސިވިލާތުގެ މާކެޓަށް ނޭދެވޭ އަސަރުކުރީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި ބޭންކް އޮފް އިންގްލެންޑުން އިންޓްރެސްޓް ރޭޓް ބޮޑުކުރުމާ ގުޅިގެންނެވެ.

މި ހަލަބޮލިކަމުގެ ތެރޭގައިވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ސުޕަރ އިންޓެލިޖެންސް" އަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭއައި މެދުވެރިކޮށް ލިބޭ މުއްސަނދިކަމަށް ފުރަގަސްދޭނީ ހަމައެކަނި "މޮޔަ ލީޑަރޝިޕަކުން" ކަމަށްވެސް އޭނާ ހުކުރު ދުވަހު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *