މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެމްބަރު މަހުގެ 5 އިން 7 އަށް ބޭއްވުމަށް ނިންމައިފިއެވެ.
މި އަހަރުގެ ރިސާޗް ކޮންފަރެންސް ޚާއްސަކޮށްފައިވަނީ ދުނިޔެއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށެވެ. އެގޮތުން މި އަހަރުގެ ކޮންފަރެންސްގެ މައިގަނޑު ތީމަކީ "ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުން" މިއެވެ.
މި ކޮންފަރެންސަކީ ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު ވެސް ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. ޚާއްސަކޮށް ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާނެއެވެ.
އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި، ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި، މާލީ ހަމަޖެހުމާއި، އިސްލާމީ މާލީ ނިޒާމުގެ އިތުރުން ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މީގެއިތުރުން މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުން ފަދަ މުހިންމު އެތައް ދާއިރާއަކުން ކަރުދާސްތައް ހުށަހަޅައި، ވާހަކަދެކެވޭނެއެވެ.
ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް، އެއީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތައް ކުރިއަށްދާނީ އެމްއެމްއޭގައެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުސިތުޑީ ޓޫ ފޭދޫ މޯލްޑިވްސްގައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ދާރިސުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި އިލްމީ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.
މިއީ އެމްއެމްއޭއިން މެދުކެނޑުމެއްނެތި މި ކޮންފަރެންސް ބާއްވާ ތިންވަނަ އަހަރެވެ. މި ކޮންފަރެންސާ ގުޅޭ އިތުރު ތަފުސީލު އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

