ސިންގަޕޫރުގައި ނިމުނު ހަފްތާގައި ބޭއްވި ގްލޯބަލް އެސްއެމްއީ ފައިނޭންސް ފޯރަމްގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއެމްއީ ޑިޖިޓަލް އިން ރާއްޖެ ތަމްސީލުކޮށް، ރާއްޖެ ފަދަ ނާޒުކު މާކެޓުތަކުގައި ހުރި ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ޑިވެލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޝަންތަކަށާއި ފަންޑިން ޕާޓްނަރުންނަށް ދައުވަތު އަރުވައިފިއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ފޯރަމަކީ، ވޯލްޑް ބޭންކް ގްރޫޕުގެ މެންބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ހިންގާ އެސްއެމްއީ ފައިނޭންސް ފޯރަމްގެ އަހަރީ މައި އިވެންޓެވެ.
މި ފޯރަމްގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ”ގްރޯއިން އެސްއެމްއީސް އިން ފްރެޖައިލް މާކެޓްސް: ބިލްޑިން ރެޒިލިއަންސް އެންޑް އޮޕޮޗުނިޓީ“ ޕެނަލްގައި އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ބަދުރުއްދީން ޙަސަންއެވެ. ބަދުރުއްދީނަކީ އެސްއެމްއީ ފައިނޭންސް ފޯރަމްގެ ސައުތު އޭޝިއާ ޗެޕްޓަރުގެ ކޯ-ޗެއާ ވެސް މެއެވެ.
މި ޕެނަލްގައި ވާހަކަދައްކަވަމުން ބަދުރުއްދީން ވަނީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ އިގުތިޞާދުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިގުތިޞާދަށް ކުރިމަތިވި ލޮޅުންތަކާއެކު، ފަތުރުވެރިކަމާއި އިމްޕޯޓަށް ބޮޑަށް ބަރޯސާވާ ގައުމެއްގެ ހައިސިއްޔަތުން ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފަދަ އިގުތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ދިވެހި ވިޔަފާރިތަކަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެހީތެރިވެދޭ ގޮތުގެ ތަފްސީލު އެސްއެމްއީ ޑިޖިޓަލް އިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް މިހާރު ގާއިމުކުރެވިފައި ވުމާއެކު، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކުން އެ ފަރާތްތަކުގެ މާލީ މުއާމަލާތްތައް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ހިންގަމުންދާކަން ފާހަގަކުރެވުނެވެ. މީގެ ސަބަބުން ލޯނު ދޭ ފަރާތްތަކަށް އެ ވިޔަފާރިތަކުގެ މާލީ މައުލޫމާތު ދެނެގަތުމަށް ފަސޭހަވެގެންދެއެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކޮންމެ ރަށެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.
ހަމައެއާއެކު، ކުދި ވިޔަފާރިތަކުން އިއާދަކުރަނިވި ހަކަތައިގެ ބޭނުންހިފައި، އިގުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާކަން ވެސް މި ފޯރަމުގައި ފާހަގަކުރެވުނެވެ. އަދި މިފަދަ ދެމެހެއްޓެނިވި މަޝްރޫއުތަކަށް އަތްފޯރާފަށުގައި ފައިނޭންސިން ހަމަޖައްސައިދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ފޯރަމުގައި ވާހަކަ ނިންމަވާލައްވަމުން ބަދުރުއްދީން ވިދާޅުވީ، ކުދި ވިޔަފާރިތަކަކީ އިގުތިޞާދީ އެކި ލޮޅުންތަކުގެ ސަބަބުން އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ފަރާތްތައް ކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ދަނޑިވަޅުތަކުގައި ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބެން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދި ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މިފަދަ ކުދި ވިޔަފާރިތަކަށް، އަތްފޯރާ ފަށުގައި ފައިނޭންސިން ފޯރުކޮށްދިނުމަށް އެއްބާރުލުން ދެއްވުމަށް ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޝަންތަކަށާއި ފަންޑިން ޕާޓްނަރުންނަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

