މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް 'ފިންލިޓް ފެސްޓް' ގެ ދަށުން، ހއ. އަތޮޅުގެ ހަ ރަށެއްގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ރައްޔިތުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އިޤްތިޞާދީ ތަޢުލީމާއި މާލީ ބައިވެރިވުން ފުޅާކުރުމުގެ މަތިވެރި މަޤްޞަދުގައި، އަތޮޅުތެރޭގެ ރަށްރަށަށް އަމާޒުކޮށްގެން މިހާ ފުޅާ ދާއިރާއެއްގައި މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި ހިނގާ މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިޔަ މި ދަތުރުގައި އެމްއެމްއޭގެ ޓީމުން ވަނީ ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތްތަކުގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި، ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީގެ އިތުރުން ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަޙްމަދު ރިޟާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ދިއްދޫގައި ހަރަކާތްތައް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބައިވެރިވުމާއެކު ބޭއްވި 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއެކު ބޭއްވި މި ހަވީރުގައި، ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކުވައިދޭ ސްޓޯލަކާއި، މާލީ މެސެޖުތައް ހިމެނޭ ގޭމްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިޔައެވެ. މީގެއިތުރުން، ދިއްދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން މާލީ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ޑެޕިއުޓީ ގަވަރުނަރު އަސްނާ ޙަމްދީ އިސްވެ ހުންނަވައި ފޯކަސް ގްރޫޕް މަޝްވަރާއެއް ބޭއްވެވި އިރު، ސްކޫލު ދަރިވަރުންނަށް ޒިންމާދާރުކަމާއެކު ފައިސާ ގެންގުޅުމާ ބެހޭ ސެޝަނެއްވެސް އެ ރަށުގައި ވަނީ ބާއްވާފައެވެ.

ހަމައެއާއެކު، ވަށަފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި މާލީ ހޭލުންތެރިކަމާއި، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާއި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ބައިތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން 'ފަވަރަ' އާއި ޑިޖިޓަލް ޕޭމަންޓުގެ ކުރިމަގާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އަންހެނުންގެ މާލީ ބައިވެރިވުމާ ގުޅޭ ފޯކަސް ގްރޫޕް ސެޝަނަކާއި ކުޑަކުދިންގެ ހަވީރެއްވެސް އެ ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފިއްލަދޫ، އުތީމު، މުރައިދޫ އަދި ކެލާގައިވެސް ސްކޫލު ދަރިވަރުންނަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން އަގުހުރި ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފިއްލަދޫ އާއި އުތީމުގައި ޒިންމާދާރުކަމާއެކު ފައިސާ ޚަރަދުކުރުމާއި، ރާއްޖޭގެ ފައިސާގެ ތާރީޚާ ބެހޭގޮތުން މަޢުލޫމާތު ދީފައިވާއިރު، މުރައިދޫ އަދި ކެލާގެ ދަރިވަރުންނަށް ބޭންކިންގ ދާއިރާގެ ވަޒީފާގެ ފުރުޞަތުތަކާއި މާލީ ނިޒާމާ ބެހޭގޮތުން ގަވަރުނަރު އަޙްމަދު މުނައްވަރު ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، ހއ. އަތޮޅަށް ކުރި މި ދަތުރަކީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހޭލުންތެރިކަން ފުޅާކުރުމަށް ފެށި މަސައްކަތުގެ ފުރަތަމަ ބުރު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހަރަކާތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް 'ފިންލިޓް ފެސްޓް' ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *