ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓެކް ކުންފުނި ކަމަށްވާ އެޕަލްގެ ވިޔަފާރި ދަށްވަމުންދާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރި ވަނީ އެއް ޕަސެންޓް ދަށަށް ގޮސްފައެވެ. މިއަހަރުގެ ކޮންމެ ކުއާޓަރެއްގައިވެސް ވިޔަފާރި ދަށްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އެ ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުމަކީ އައި ފޯނެވެ. އައި ފޯނުގެ ވިޔަފަާރި 3 ޕަސެންޓް އިތުރުވި ނަމަވެސް ކުންފުނީގެ ވިޔަފާރި ދަށްވީ މެކް އާއި އައިޕެޑާއި އެޕަލް ވޮޗް އާއި އެއާޕޮޑްސް ފަދަ އުފެއްދުންތައް ގަންނަ މިންވަރު ދަށްވުމުންނެވެ.
އައިފޯނުގެ ވިޔަފާރިން އެ ކުންފުންޏަށް މިއަހަރުގެ މިހާތަނަށް 43.81 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
އެޕަލް ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާގައި އައު ސްމާޓް ފޯނު ގަންނަ މީހުންގެ އަދަދު ދަށްވުމެވެ. އެ ޤައުމަކީ އެޕަލް އަށް އެންމެ މުހިންމު މާކެޓު ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ.
މީގެ އިތުރުން ދުނިޔޭގެ މާކެޓަށް ޗައިނާއިން އަންނަނީ އެޕަލްއާ ވާދަކުރާނެ އަގުހެޔޮ ފޯނުތައް ވެސް ތައާރަފު ކުރަމުންނެވެ.

