މިދިޔަ 8 މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ޢަދަދު އިތުރުވިޔަސް ޓޫރިސްތުންގެ އަތުން ލިބުނު އާމްދަނީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 200 މިލިއަން ޑޮލަރު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު، ދިވެހި ފައިސާ އިން 39 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެކަމަކު، އެއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރަށް ވުރެ ފަސް ފަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީ ހުރީ 2.7 ބިލިއަން ޑޮލަރު (42 ބިލިއަން ރުފިޔާ) ގަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ އެއް މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ. ޓޫރިސްޓުން އިތުރުވިޔަސް އަދި ކުރީ އަހަރަށް ވުރެ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރި ނަމަވެސް ޓޫރިސްޓުންގެ އަތުން ލިބޭ އާމްދަނީ ދަށްވި އެއް ސަބަބަކީ ރިސޯޓާއި ގެސްޓް ހައުސްތަކުގެ ކޮޓަރީގެ އަގު ވަރަށް ބޮޑަށް ދަށްވުން ކަމަށް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ބުނެފައެވެ.
ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި އޮކިއުޕެންސީ ރޭޓު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދަށަށް ގޮސްފަ އެވެ. މި އަހަރު ރާއްޖޭގެ އޮކިއުޕެންސީ ވަނީ ހަތަރު މަހު 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އޮކިއުޕެންސީ 50 ޕަސެންޓަށް ވުރެ ދަށަށް ދިޔައީ ތިން މަހު އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި އެވްރެޖުކޮށް ހޭދަ ކުރަނީ 7.6 ދުވަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި 8.1 ދުވަސް ޓޫރިސްޓުން ހޭދަކުރެ އެވެ.
ޓޫރިސްޓުންގެ އަތުން އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބުނީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ ހަތް ބިލިއަން ރުފިޔާ ލިބިފަ އެެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 1.2 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުންގެ އަތުން 8.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓުންގެ އަތުން ވަނީ 46 ބިލިއަން ރުފިޔާ ލިބިފަ އެވެ. ފްލައިޓް މޫވްމަންޓް މިދިޔަ އަހަރަށް ވުރެ މި އަހަރު ފަސް ޕަސެންޓު އިތުރެވެ. ފްލައިޓް ޝެޑިއުލް ކުރި ވަރު ވެސް މި އަހަރު ވަނީ 1،200 އަށް އިތުރުވެފަ އެވެ.

