މިފްކޯގެ ފްލީޓަށް އިތިުރުކުރަ “ޖަޒީރާ 106” މިމަހު 19 ގައި ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ މި ބޯޓު ރާއްޖެ އައުމަށް މިދިޔަ ހޮނިހިރު ދުވަހު ތައިލެންޑުން ދަތުރު ފަށާފައިވާ ކަމަށެވެ. މިފްކޯއިން ގެންނަ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ ކެޕޭސިޓީ ހުރި 200 ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލުކަން ހުރި ބޯޓުތަކެއް ކަމަށެވެ. މި ބޯޓުތައް ރާއްޖެ ގެނެސް އޮޕަރޭޝަނާ ގުޅުމުން އެ ކުންފުންޏަށް ދުވާލަކު 180 ޓަނު މަސް އިތުރަށް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު، އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދުތަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލުކުރުމުގެ ގޮތުން މިފްކޯއިން މި އަހަރު ހަތަރު ބޯޓެއް ގެނަ އެވެ.
އޭގެ ތެރެއިން މި އަހަރުގެ މާޗު މަހުގައި ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޖަޒީރާ 103″ އަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާ އެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ.
މިފްކޯއިން ބުނީ މި ފަސް އަހަރުގެ ތެރޭގައި ކެރިއާ ބޯޓަކާ އެކު ޖުމްލަ ހަ ބޯޓު މިފްކޯ ފްލީޓަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ކޫއްޑުގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި މުޅިން އަލަށް ގާއިމުކުރެވޭ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ ވެސް ޝިފްޓަކަށް 120 ޓަނު ފްރީޒް ކުރެވޭ އަދި 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމް ކުރެވޭނެ ސެންޓަރެކެވެ. އަދި މިހާރު މި ދެ ސައިޓަށް ވެސް ބޭނުންވާ ބިލްޑިން ސްޓްރަކްޗަރާއި މައިގަނޑު ހުރިހާ މެޝިނަރީއެއް ސައިޓަށް ގެންދެވި އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ ތިން ބޯޓު މިފްކޯގެ އޮޕަރޭޝަނާ ގުޅުމުން ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގައި މަސްވެރިކަން ރަގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ އެވެ.

