މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ލިބުނު އާމްދަނީ ދެގުނަ އިތުރުކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިދިޔަމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އޮކްޓޫބަރުމަހު މުދަލު ޒަކާތުގެތޮތުގައި 6.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުން ލިބިފައިވަނީ 3.2 މިލިއަން ރުފިޔާއެވެ. އެގޮތުން އޮކްޓޫބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 76،614،439 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި 76،570،170 މިލިއަން ރުފިޔާ އަދި 2888 ޑޮލަރު ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 76،743،636 މިލިއަން ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އިސްލާމީ ޝަރީޢަތުގައި ވާގޮތުން އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ޝަރުޢީގޮތުން އޮތް ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7151.90 ރުފިޔާއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *