ރާއްޖެ އާއި ސަޢުދީޢަރަބިއްޔާ އާއި ދެމެދު ވިޔަފާރި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ތަކެއް ކޮށްފިއެވެ.
މި މަޝްވަރާ ތަކުގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދު ތަރައްޤީކުރެވެން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ ވާހަކަދެކެވިފައެވެ.
މިމަޝްވަރާތައް ކުރެވިފައިވަނީ ސަޢޫދީޢަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒުވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަޢޫދީޢަރަބިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒް އާލްސަޢުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މިނިސްޓަރ ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ ރައީސް ޑރ މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.ސަޢޫދީޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ އަޚުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒާއި ސަޢޫދީޢަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޕްލޭނިންގ ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.ޚާއްޞަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިޤްތިޞާދީ ދާއިރާ ފަދަ އިޤްތިޞާދު ތަރައްޤީކުރެވެން ހުރި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ޚާއްޞަކޮށް ފަލަސްޠީނުގައި ޞުލްޙަ ޤާއިމުކުރުމަށް ސަޢޫދީޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ޑރ މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ.

