ރާއްޖޭގެ ފަތުރުވެރިކަމަށް އައު ގޮތްތައް ތަޢާރަފްކުރައްވާނެ ކަމަށް ރާއްޖޭގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަޤާމުގެ ހުވާކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ވަރަށް އިތުބާރާއެކު ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީގައި ހުއްޓި ހުންނެވީ ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައިކަމަށެވެ.

އެއީ ރައްޔިތުންގެ އުއްމީދުތަކާއި އެމަނިކުފާނު އެކުލަވާލާ ސަރުކާރު ވާޖިބުތައް އަދާކުރުމާ ދެމެދު އޮތް ވަޅުގަނޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަރުދީ ފެންވަރުގަޔާއި، އާއިލީ ފެންވަރުގަޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި، އެހެންކަމުން އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން އެދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން، ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އައު ގޮތްތައް ތަޢާރަފްކުރާނަން، ހަމަ އެހެންމެ އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންނަށްޓަކައި ގެދޮރުވެރިކަން ފަދަ ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދޭނަން” ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ މުޢިއްޒުވަނީ މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުންފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *