ވޭތުިވެދިޔަ ހަތަރު އަހަރުތެރޭ ފޯރުކޮށްނުދޭ ވަރަށް މިއަހަރުތެރޭގައި ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށް މޯލްޑިވްސް މަނަޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި މިފާއިތުވި ހަތަރު އަހަރު އާންމުކޮށް ދޫކުރި މިންވަރަށްވުރެ ގިނައިން މިހިނގާ 2023 ވަނަ އަހަރު ޑޮލަރު ދޫކޮށްފައި ވާނެ ކަމަށެވެ.
ބޭންކުތަކަށާއި ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް އެ އިދާރާއިން އަބަދު ވެސް ޑޮލަރު ފޯރުކޮށްދޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެގޮތުން، 2019ވަނަ އަހަރު އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ޖުމުލަ 626.6 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފައި ވާކަމަށް އެމްއެމްއޭއިން ބުންނެއެވެ.
އެ އިދާރާއިން ބުނީ މިދިޔަ އަހަރު ނިމުނު އިރު މި ޢަދަދު ހުރީ 993.7 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި މިއަހަރު އެމްއެމްއޭއިން ޖުމްލަ އިންޓަވެންޝަން ތިން ޕަސަންޓުން އިތުރުކޮށްފައިކަން ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނީ، މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު، އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި މިއަހަރު ވެސް އެސްޓީއޯއަށް ކާޑާއި ބޭހާއި އަދި ތެޔޮ އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައި ވާކަމަށެވެ.
މީގެއިތުރުން ސަރުކާރު ޚިއްސާވާ އެހެނިހެން ކުންފުނިތަކުން ލޯނު އަނބުރާ ދައްކަން ބޭނުންވާ ޑޮލަރު ވެސް އެމްއެމްއޭ އިން ފޯރުކޮށްދޭ ކަމަށެވެ.
މިވަގުތު ކަޅު ބާޒާރުގައި ޑޮލަރު ރޭޓު އުޅެނީ 18އަށްވުރެ މަތީގައެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް އަމިއްލަ އެކައުންޓްގައި ހުންނަ ޑޮލަރު ވެސް ބޭންކުން ދޫކުރަނީ ވަކި މިންވަރަކަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އޭޓީއެމް ނުވަތަ ބްރާންޗް މެދުވެރިކޮށް ނެގޭނީ 1،600 ޑޮލަރުކަމުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކަނޑައަޅައިފައެވެ.

