ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް އެންމެ ޒަމާނީ ސިސްޓަމަކަށް ބަދަލުކޮށްފިއެވެ.
މިއަހަރު ކުރީކޮޅުގައި ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ވީ.އައި.އޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި މިހާރު މިސިސްޓަމް ވަނީ ބޭނުން ކުރަން ފަށައިފައެވެ.
ވީއައިއޭގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމަކީ ބައިނަލް އަޤްވާމީ އެއަރ ނެވިގޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، އެއަރލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާ ތެރި ކަމަށް ބޭނުންވާ މައުލޫމާތު ޙިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މައިގަނޑު ގޮތެއްގައި މިޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރު ގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ.މި ސިސްޓަމުން ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެއެވެ. މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަރނެޓް މެދުވެރިކޮށް އެއަރލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މި ސިސްޓަމަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއަރގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއަރނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫޢުއެކެވެ.
އައިޑީއެސް އެއަރނެވް އިން ވަނީ، މިސިސްޓަމް ވީއައިއޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ޚާއްސަ ތަމްރީންވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
މިއީ ވީއައިއޭ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ޚިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މި ޚިދުމަތް ފޯރުކޮށްދެމުންދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަޚައްދުގައި އެއަރ ނެވިގޭޝަންގެ ޙިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއްކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) އިންނެވެ.

