ރާއްޖެ އާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަނާއި ދެމެދު ސީދާ ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
މިމަޝްވަރާ ތައް ކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ޗައިނާގ ެޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބާވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، ޗެއަރމަން ޔަން ރާއްޖެ ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި، ރައީސް ވަނީ ޗެއަރމަން ޔަން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކަރައްވާފައިވެއެވެ.
މިގޮތުން ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެއާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޗެއަރމަން ޔަން ވަނީ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީއާއި އެތަނުގައި ހިމެނޭ އާދަޔާ ޚިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޗެއަރމަން ޔަން ހުށަހެޅުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދީލަތި ހުށަހެޅުއްވުން ޤަބޫލުކުރައްވައި، ޗެއަރމަން ޔަންއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި، ޗެއަރމަން ޔަން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އޮތް ތާރީޚީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުމަށް އިތުރު ކާމިޔާބީ އެދިވަޑައިގެންފައެވެ.

