އިންވެސްޓްމަންޓްގެ ދާއިރާއާއި، އިމާރާތް ކުރުމުގެ ދާއިރާއިން ރާއްޖެއާއި ތުރުކީވިލާތުން ގުޅިގެން މަސައްކަތްކުރެއްވުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ތުރުކީވިލާތުގެ ޔޫނިއަން އޮފް ޗެމްބަރސް އެންޑް ކޮމޯޑިޓީ އެކްސްޗޭންޖުގެ ނައިބު ރައީސް ފާއިކް ޔަވުޒް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.ދެބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއާއި، އިމާރާތް ކުރުމުގެ ދާއިރާއާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދު ވިޔަފާރިކުރިއެވުމާއި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސް ޑރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

