ޓަރކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރު އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަރކިޝް އެއާރލައިންސްގެ ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އަރސޯއި ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މެހްމަތް ނުރީ އަރސޯއި ވަނީ އެ މަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައި، މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އަރސޯއިއަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޓަރކިޝް އެއާރލައިންސްގެ ފްލައިޓުތައް ދިވެހިރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތުރުކީވިލާތުގެ ކުންފުނިތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މި ދެ ޤައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާމެދު ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ބަދަލުކުރެވި، މަޝްވަރާ ކުރައްވާފައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *