ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިޢްލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އިޢްލާނުކޮށްފައިވަނީ ސްޓޭޓް އޯން އެންޓަރޕްރައިޒަސް، (އެސްއޯއީ)ގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތައް ހޯދުމަށެވެ.
މިމަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރުވަނީ އެސް.އޯ.އީ ރިފޯމް ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކުރައްވާފައެވެ. އަދި މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ.
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.ކޮންސަލްޓަންޓްގެ ގޮތުގައި ހޮވާނީ ޓީ.އޯ.އާރުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނުން %80 އަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 11ވަނަ ދުވަހު 13:30އަށެވެ.މިވަގުތު ސަރުކާރު ހިއްސާވާ 31 ކުންފުނި އޮތް އިރު، މީގެތެރޭގައި ގެއްލުމުގައި ހިންގާ ކުންފުނިތައް ގިނައެވެ. މިކުންފުނިތައް ހިންގުމަށް ސަރުކާރުގެ ބަޖެޓުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

