މާދަމާއިން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެއެވެ.

ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އެކަން ކުރަމުން އަންނަނީ އެކި ތާރީޚުތަކަށް ބަހާލައިގެންނެވެ.

ތިމާވެށީގެ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުންވެސް މަނާ ވާނެކަމަށެވެ.

އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެން ކުދި ޕްލާސްޓިކު ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރިނަމަވެސް، އެތަކެތި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1އިން ފެށިގެންނެވެ.

މި ބަދަލާއެކު ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކަމުން އަންނަ 500 މިލިލީޓަރުގެ ފެންފުޅިވެސް ވިއްކުން މަނާވާނެއެވެ.އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރައްވާފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅުއްވާފައިވާ ޤަރާރަކުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *