އޮޑި ދޯނި ފަހަރުގެ ކިއްސަރާއި ދުވެއްޔާ ހުރީ ކޮންގުޅުމެއް

ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ބަންނަ ފަރާތްތަކުން އުޅަނދުގައި ކުރަންބޭނުންވާ ބޭނުމަކާއެއްގޮތައް އުލަނދުގެ ހަލްގެ ކިއްސަރަށް ތަފާތު ބަދަލުތައް ގެނެއެވެ.

މުދާ އުފުލާ ދޯނިފަހަރާއި މުދާ އުފުލާ ބޯޓް ފަހަރާއި މަސްދޯނި ފަހަރާއި މީހުން އުފުލާ ދޯނިފަހަރާއި ޑައިވިންގ ދޯނިފަހަރު އަދި ލޯންޗް ބަނުމުގައި ތަފާތު ކިއްސަރުތައް ގެންގުޅެނީ އެ އުޅަނދުގެ ބޭނުން އެއްމެ ފުރިހަމައަށް ހިފޭނެ ގޮތްތަކަށް ބަލައިގެންނެވެ. ކޮންމެ ބޭނުމަކަށް އުޅަނދު ބަންނަ ނަމަވެސް އުޅަނދު ދުވެލި ބާރުވުމަކީ އުޅަނދުގެ ވެރިން ކޮންމެހެން ބޭނުންވާ ކަމެކެވެ. އުޅަނދުގެ ވެރިން އެކަން ހާސިލްކުރުމަށް އެއްމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ އުޅަނދުގައި އަޅާ އިންޖީނުގެ ހޯސްޕަވަރ މަތިކުރުމެވެ، ނުވަތަ އިތުރު އިންޖީނު އުޅަނދުގައި އެޅުމެވެ. ނަމަވެސް ކަނޑު އުޅަނދު ބަނުމުގެ މާހިރުންނާއި އެދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ބުނަނީ ދުވެލި ބާރުކުރުމަށް އުޅަނދުގެ ހަލްވެސް ވަރަށްބޮޑު ރޯލެއް އަދާކުރާކަމަށެވެ. އުލަނދުފަހަރުގެ ހަލް 2 ގޮތަކަށް ފަރުމާކޮށްފައި ހުރެއެވެ. އެ 2 ގޮތަށް އިނގިރޭސިބަހުން ކިޔަނީ ޕްލޭނިންގ ހަލް އަދި ޑިސްޕްލޭސްމަންޓް ހަލް އެވެ.

އުޅަނދުފަހަރު ބާރަށް ދުއްވާފައިދާއިރު އެ އުޅަނދުގެ ބޮޑުބައި ފެނުން މައްޗަށް ހިއްލިފައި ހުންނާނީ "ޕްލޭނިނގ ހަލް" ކިއްސަރަށް ބަނދެފައި ހުންނަ އުޅަދުގައެވެ. އަދި ބާރަށް ދުއްވި ނަމަވެސް އުޅަނދުގެ ބޮޑުބައި ފެނުންމައްޗަށް ނުހިއްލި ހުންނާނީ "ޑިސްޕްލޭސްމަންޓް ހަލް" ގެ ކިއްސަރަށް ބަނދެފައި ހުންނަ އުޅަނދުގައެވެ. އާއްމުގޮތެއްގައި "ޕްލޭނިންގ ހަލް" ގެ ކިއްސަރަށް ބަނދެފައިހުންނަނީ ހުންނަނީ ބާރު ސްޕީޑްގައި ދުއްވުމަށް ބަނދެފައި ހުންނަ ލޯންޗް ފަހަރެވެ. މި ލިޔުމުގައި އުޅަނދު ފަހަރު ފަރުމާކުރުމާއި ބެހޭ މާހިރުން ގެ ދިރާސާތަކުގެ އަލީގައި އޮޑި ދޯނި ފަހަރު ބާރަށް ދުއްވަން ބޭނުންނަމަ އުޅަނދުގެ ހަލް ފަރުމާކުރުމުގައި ސަމާލުވާންޖެހޭ ކަންކަމުގެ މައްޗަށް ބަލާލާފައިވާނެއެވެ.

އޮޑި ދޯނިފަހަރު ބަނދެފައި ހުންނަނީ "ޑިސްޕްލޭސްމަންޓް ހަލް" ގެ ކިއްސަރަށެވެ. އެހެންކަމުން އޮޑި ދޯނިފަހަރު އެއްމެ ބާރަށް ދުއްވޭނެ މިންގަނޑު ބިނާވަނީ އުލަނދު ފެނުގެ އަޑިއަށް ގޮއްސަ އޮންނަ ބައިގެ ފެނުގެ މަތީ ފަށަލައިގެ ދިގުމިނާއި އުޅަނދުގެ ފުޅާ މިނުގެ މައްޗަށެވެ. އުޅަނދު ފަހަރު ބަނުމުގެ މާހިރުންގެ ދިރާސާތަކުން ދައްކަނީ އުޅަނދުގެ ފުޅާމިން އުޅަނދުގެ ދިގުމިނުގެ 4 ބައިކުޅަ 1 ބަޔަށްވުރެ ފުޅާނަމަ ދުވެއްޔަށް އަސަރުކުރާނެއެވެ.

ތިރީގައި އެވަނީ އޮޑި ދޯނިފަހަރުގެ ފެނުގެ އަޑިއަށް ގޮއްސަ އޮނަ ބައިގެ ފެނުގެ މަތީ ފަށަލައިގެ ނިސްބަތުން އެއްމެ ބާރަށް ދުއްވިދާނެ ބާރުމިނެވެ. ވަރަށްމަތީ ހޯސްޕަރ ގެ އިންޖީނު ބޭނުންކޮށްގެން ޓޭބަލް ގައި އެވާ ވަރަށްވުރެވެސް ބާރަށް އޮޑި ދޯނި ފަހަރު ދުއްވިދާނެ އެވެ.

ނަމަވެސް އުޅަނދާ ނުގުޅޭ ބާރު މިނުގައި "ޑިސްޕްލޭސްމަންޓް ހަލް" ގެ ކިއްސަރުގެ އުޅަނދު ދުއްވާނަމަ ދިރުނބާކޮޅު ރާޅުތެރެއަށް ވަނުމުގެ ހާދިސާތައް ކުރިމަތިވާނެކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ "ޑިސްޕްލޭސްމަންޓް ހަލް" ގެ ކިއްސަރަށް ބަނދެފައި ހުންނަ އުޅަނދުފަހަރަކީ ދުވެލި ބާރުކުރުމުން ފެނުންމައްޗަށް އުޅަނދު ނުހިއްލޭތީއެވެ.