ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށްބުނެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ މީރާ އިން އަންގައިގެންނެވެ.
މި މައްސަލައިގައި ޔޮޓް ޓުއާސްއިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ހުކުމް ކުރީ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ވަކި މުއްދަތެއްގެ ތެރޭގައި ޔޮޓް ޓުއާސްއިން ކުލި ނުދައްކައިފިނަމަ ފިޔަވަޅު އަޅަންވާގޮތް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިއީ ވިޔަފާރީގެ މުއާމަލާތެއްކަން ފާހަގަކޮށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވިޔަފާރި އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެފަރާތުގެ ރުހުމާއި ކޮންޓްރެކްޓުގެ މާއްދާތަކާއި ކޮންޓްރެކްޓުގެ ބައިވެރިން ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުން ކަމަށެވެ. އަދި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ އަދި އެއީ ކަނޑައެޅިގެން ޤާނޫނާ ހިލާފުކަމެއް ކަމުގައިނުވާނަމަ، ކޯޓުތަކުންވެސް ދެފަރާތް ދެމެދު އޮތް މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ މަސްދަރެއްގެ ގޮތުގައި ރިޢާޔަތްކުރަންޖެހޭނީ އެ އެއްބަސްވުމަށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މީގެއިތުރުން މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒްކުރުމުގެ ހައްލު ދައުލަތަށް ދެން ބޭނުންކުރެވޭނީ، ދެފަރާތް ދެމެދުވި އެއްބަސްވުންތަކުގައި ގަވާއިދުގައިވާ އެ ހައްލު ބޭނުންކުރުމަށް ދެފަރާތުން އެއްބަސްވެ، އެއްބަސްވުންތަކަށް އިސްލާހެއް ގެނެވުނުނަމަ ކަމަށް ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

