ކުރީ އަހަރު ތަކެކޭ ވެސް އެއްފަދައިން، ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ފެންވަރު ރަނގަޅު، މޮޅު ކަދުރު އެމްއެޗްއޭ އިން ބާޒާރަށް ނެރެފި އެވެ.
އެމްއެޗްއޭއިން ބުނި ގޮތުގައި މި އަހަރު އަލަށް ތައާރަފު ތިން ވައްތަރެއްގެ ކަދުރުވަނީ އެތެރެކޮށް ވިއްކަން ފަށާފައެވެ. އެއީ ޖޮމާރާ ބްރޭންޑުގެ އެކި ވައްތަރުގެ ކަދުރާއި މާމުއިއާ އެއްގޮތް ފޮނި ކަމެއް ހުންނަ މަޝްހޫރު ހޮޗާނީ ބްރޭންޑުގެ ކަދުރާއި ކުލަ ގަދަ، މޮއިސްޓް ޓެކްސްޗާއެއް ހުންނަ ކިމިއާ ގޯލްޑު ކަދުރެވެ. މިއީ މި އަހަރު ކަސްޓަމަރުންނަށް އާ ބްރޭންޑުތަކެއްގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތުދިނުމުގެ ގޮތުން ތައާރަފްކުރި ބްރޭންޑުތަކެކެވެ.
އެމްއެޗްއޭ އިން ވަނީ ދިވެހިންގެ މެދުގައި މަޝްހޫރު ޑޭޓް ކްރައުންގެ ކަދުރު ވެސް ރޯދަމަހަށް ހާއްސަކޮށް ގެނެސްފަ އެވެ. އެ ފިހާރަ އިން ބުނީ، މިއީ ދުނިޔޭގައި ތަކެތީގެ އަގުތައް ބޮޑު ދުވަސްވަރެއް ނަމަވެސް ހެޔޮ އަގުގައި އެ ބްރޭންޑުގެ ކަދުރު ވިއްކާނެ ކަމަށެވެ. އެއީ އެ ބްރޭންޑަށް ރާއްޖޭގައި އޮތް ޑިމާންޑާ ގުޅިގެން ހެޔޮ އަގުގައި ކަދުރު ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ވެސް ބުންޏެވެ.
ޑޭޓް ކްރައުންގެ ހެނެއިޒީ، ފަރްދު، ލޫލޫގެ 250 ގްރާމް، 500 ގްރާމް އަދި އެއް ކިލޯގެ ޕެކެޓު އެމްއެޗްއޭއިން ލިބޭނެ އެވެ. އެ ބްރޭންޑުގެ ހަލާސް ކަދުރުގެ ފަސް ކިލޯ އާއި 10 ކިލޯގެ ބަލްކު ޕެކުތައް ލިބެން ހުންނާނެ އެވެ.
ޑޭޓް ކްރައުން ޕްރިމިއަމް ރޭންޖުގެ ޗޮކޯ ޑޭޓާއި މާމޫލް ކޫކީ ޑޭޓް ވެސް އެމްއެޗްއޭއިން ލިބޭނެ އެވެ.
"ޑޭޓް ކްރައުން" ކަދުރަކީ ޔޫއޭއީ އިން އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކަން ފެށި ކަދުރެވެ. އެ ގައުމުން 45 ގައުމެއްގައި މި ކަދުރު އަންނަނީ ވިއްކަމުންނެވެ. އެމްއެޗްއޭ އިން ރީޓެއިލް ކޮށް އަދި ހޯލްސެއިލްކޮށް ކަދުރު ލިބޭނެ އެވެ.

