ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުބޮޑުވިޔަ ނުދޭނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވުމުގެ ގޮތުން މިރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިގްތިސާދީ ވަޒީރު ވިދާޅުވީ، މި ފަހުގެ ތާރީހެއްގައި މިދިޔަ އަހަރުގެ ރޯދަމަސް ފާހަގަ ކުރެވިފައިވަނީ އެއްޗެހީގެ އަގުތައް ބޮޑުނުވެ އަތްފޯރާ ފަށުގައި އެއްޗެހި ގަންނަން ލިބުނު ފަހަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ވަކިވަކި އައިޓަމްތައް ދަތިނުވެ ބާޒާރުން ގަންނަން ލިބުމާއި އަގުތައް ބޮޑުނުވެ އެއް ހަމައެއްގައި ހިފެހެއްޓިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ މިފަހަރުގެ ރޯދަމަހުވެސް އަގުތައް ބޮޑުވިޔަނުދިނުމަށް ސަރުކާރާއި ވިޔަފާރިތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށާއި އެގޮތުން ގޭބިސީތަކުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ތަކެތި ދެނެގަނެ، އެ އެއްޗެހި ހެޔޮއަގުތަކެއްގައި ހުސްނުވެ ލިބޭނޭ އިންތިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. އެގޮތުން ގޭބިސީތަކުގައި އާއްމުކޮށް ބޭނުންކުރާ 183 ބާވަތެއްގެ ދެނެގަނެ، ރަމަޟާންމަހަށް އާއްމުކޮށް ބޭނުންކުރާނެ 54 ބާވަތެއްގެ ލިސްޓެއް ހަދައި ހުސްނުވެ އެތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރީދަމަހު ބާޒާރުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަދިނުމުގެ ފުރުސަތު ނުދޭނޭކަމަށާއި މުދާ އަގުބޮޑުކުރުމުގެ މައްސަލައެއް އުޅޭނަމަ އެކަން ބަލައި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނޭކަމަށެވެ.

