ރޯދަ މަހު އެވްރެކޮޖްކޮށް ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓަނުގެ ކުނިމާލެ ސަރަޙައްދުން ނަގަމުންދާ ކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ރޯދަމަހުވެސް އެންމެ ގިނައިން ކުނި އުފައްދަނީ މާލެ ސިޓީންނެވެ.
އެގޮތުން މާލެއިން ދުވާލެއްގެ މައްޗަށް 1980 ޓަނުގެ ކުނި ނަގާކަމަށް ވެމްކޯއިން ބުނެފައިވެ އެވެ. އަދި ހުޅުމާލެއިން 1280 ޓަނުގެ ކުނި ނަގާކަމަށާއި ވިލިމާލެއިން ދުވާލެއްގެ މައްޗަށް 354 ޓަނުގެ ކުނި ނަގަމުންދާކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދެނީ ރޭގަނޑުގެ ވަގުތަކުގަ އެވެ.
އެގޮތުން މާލެއިން ރޭގަނޑު 08:30އިން ދަންވަރު 02:30އަށް ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެ އެވެ. އަދި ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދެނީ ރޭގަނޑު 09:00އިން ދަންވަރު 01:00އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30އިން ދަންވަރު 01:30 އަށެވެ.
ވެމްކޯއިން ވަނީ ކުނި ނެރުމުގައިވެސް، ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

