ދިވެހިރާއްޖޭގައި އައު ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރެވެނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިފަދައިން ބުނެފައިވަނީ އަލަށް ޤާއިމްކުރުމަށް މިދިޔަ ހަފްތާގައި ހުއްދަދިން ބީއައިސީ ބޭންކް މޯލްޑިވްސްއަށް ހުއްދަ ނުދިނުމަށް ކުރިން ނިންމިކަމަށް ބުނެ މީޑިއާއަކުން ފެތުރި ހަބަރަކާއި ގުޅިގެންނެވެ. އެ ބޭންކްއަށް ހުއްދަ ދީފައިވަނީ އެ ނަމުގައި ޓިއަރ 1 ބޭންކެއް ގާއިމްކުރުމަށެވެ.
ބީއައިސީ ބޭންކަކީ ކެމްބޯޑިއާގެ ރައްޔިތެއް އަދި ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު އަލީ ޖަނާހުގެ މިލްކުވެރިކަން އެކުލެވޭ މާލީ އިދާރާއެކެވެ. އެ ބޭންކްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ޖަނާހުގެ ދަރިކަނބަލުން އާއިޝާ ނޫރައިން ޖަނާހު އެވެ. ނޫރައިންއަކީ 10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓަކެވެ. އަދި, އޭނާއަކީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕްގެ ވައިސް ޗެއާ އެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ދަށުން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށެވެ. މި މަރުހަލާތަކުގެ ތެރޭގައި ހިމެނެނީ މަޢުލޫމާތު ފޯރުކޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، ލައިސަންސް ދޫކުރުމެވެ.
ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެމްއެމްއޭ އިން ބަލަނީ ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމާއި، ސޯސް އޮފް ކެޕިޓަލްއާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށެވެ. މި ހުށަހެޅުން ވަޒަންކުރުމަށްފަހު، އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ އަށް ހުށަހަޅައި، ގަވަރުނަރާއި އޮތޯރިޓީގެ ބޯޑުގެ ނިންމުމާއެކު ލައިސަންސް ދޫކުރުމާމެދު ގޮތެއް ނިންމަ އެވެ.
އެމްއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ފުރަތަމަ ދޫކުރާނީ ”ކޮންޑިޝަނަލް“ ހުއްދައެކެވެ. މި ހުއްދައިގެ ދަށުން ކުންފުނި ރަޖިސްޓަރ ކުރުމާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ތަން އޮޕަރޭޝަނަލައިޒްކުރުން ފަދަ ކަންކަން ފުރިހަމަކުރުމަށް މުއްދަތެއް ދެވެ އެވެ. މި މުއްދަތުގެ ތެރޭގައި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރެވޭނެ އެވެ.

