ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖެއަށް މުޅިން އަލަށް އީއެންވީ ޕޮސްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
1 ޖުލައި 2025 އިން ފެށިގެން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.
"މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އީއެންވީ ޕޮސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ. އަދި މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ޚަރަދަކާ ނުލައި، މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެންވީ ޕޮސް ޕްރޮގްރާމުގެ ފައިސާ ބޭނުންކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށެވެ. މި ފަދަ މަޝްރޫޢުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހިމެނޭނެއެވެ.
"މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުޢާމަލާތަކާއެކު ހިނގަމުންދާނެ ދިގު މުއްދަތުގެ، ދެމެހެއްޓެނިވި މަސައްކަތެއް. އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް، ކޮންމެ ވިޔަފާރިއަކަށް، އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން. އެއީ ކާބޯތަކެތި ގަތުން، ރެސްޓޯރަންޓަކަށް ފައިސާދެއްކުން، ނުވަތަ އެހެން ޚިދުމަތަކަށް ފައިސާ ދެއްކުން ކަމުގައިވިޔަސް ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ޚިޔާރުކުރެއްވުމަށް ދަންނަވަން." ޝަރީފް އިތުރަށް ވިދާޅުވިއެވެ.
ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލް އިން އަބަދުވެސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ، އަދި އިގްތިސާދީ ތަރައްގީގައި ބައިވެރިވާ ބޭންކެއްގެ ގޮތުގައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ.

