ބީއެމްއެލްގެ ޑެބިޓްކާޑުން 30 ޕަސެންޓް ނެގުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނޫންކަމަށް ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގެ ޖުޑީޝަރީ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރެއްވި މޫސާ ސިރާޖު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާރޖެއް ނުކުރާކަމަށާއި އަދި މިއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމަށްވެސް ނުފެންނަ ކަމަށެވެ.
"މީ މުދަލުން ޑިއުޓީ ނެގުން. މުދަލުން ޑިއުޓީ ނެގޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސް ކޮށްގެން. ގާނޫނު ފާސް ކުރުމެއްނެތި ވަކިވަކި އިދާރާތަކުން މިގޮތަށް ފީގެ ނަމުގައި ޓެކްސް/މުދަލުން ޑިއުޓީ ނަގަންފެށުމަކީ ހުޅުވޭނެ ނުރައްކާތެރި ދޮރެއް. ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އީކޮމާސްއިން މުދާ ގެނެސް ވިއްކަން ފެށުމުން ޑިއުޓީ ދައްކައިގެން މުދާ ގެންނަ ވިޔަފާރިވެރިންނަށް މިކަމުގައި ނޭދެވޭ އަސަރު ކުރާނެ. އަދި ޑިއުޓީ ނުކުރުމުން ދައުލަތުގެ އާމްދަނީއަށްވެސް އަސަރު ކުރާނެ." ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ، އެކަމުގެ ހައްލަކީ ބޭންކް އޮފް މޯލްޑިވްސް އިން %30 ފީއެއް ނެގުމެން ނޫން ކަމަށާއި ހައްލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލު ކުރާގޮތަށް ޤާނޫނަށް ބަދަލު ގެނައުން ކަމަށެވެ. އަދި ބޭންކް ތަކުން މިކަމުގައި އަމަލު ކުރާގޮތަކީ ކާޑުގެ މުއާމަލާތްކުރެވޭ ލިމިޓް ކަނޑައެޅުން ކަމަށާއި މުދަލުން ޑިއުޓީ ނެގުމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ
ބީއެމްއެލް ޑެބިޓު ކާޑުތަކުން ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން ނިންމާފައެވެ. ބީއެމްއެލްއިން މި ބަދަލު ގެނައި އެ ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތްތަކުގައި ބޭނުންކުރެވޭ އަދަދު 500 ޑޮލަރަށް ބޮޑުކުރަން ނިންމުމާ އެކީގަ އެވެ. މި ފީ ނަގަން ނިންމާފައިވާ ސައިޓުތަކުގެ ތެރޭގައި ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.

