ރާއްޖެއިން މަސް ބޭރުކޮށްގެން މިއަހަރުގެ ފުރަތަމަ 5 މަހު 982 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މެއިމަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ ބާވަތްތަކަށް 63.7 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ބޭންކް ރޭޓުން ބަލާނަމަ 982.254.000 ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 45.5 މިލިޔަން ޑޮލަރެވެ.
މިއަހަރު ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 23,356.1 މެޓްރިކް ޓަނެވެ. މިއީ 66.1 އިންސައްތައިގެ އިތުރުވުމެކެވެ
މިމުއްދަތުގައި އެންމެ ގިނަ މަސް ބޭރުކޮށްފައިވަނީ އޭޕްރީލް މަހުއެވެ. އޭޕްރީލް މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އެއީ 9700 ޓަނުގެ މަހެވެ.
މިއަހަރު މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ
- ޖެނުއަރީ – 8.6 މިލިޔަން ޑޮލަރު
- ފެބްރުއަރީ – 13.3 މިލިޔަން ޑޮލަރު
- މާރިޗު – 12.4 މިލިޔަން ޑޮލަރު
- އެޕްރީލް – 18.2 މިލިޔަން ޑޮލަރު
- މޭ – 11.2 މިލިޔަން ޑޮލަރު
.
މިއަހަރު މިހާތަނަށް މަސް ބޭރުކޮށްފައިވާ މިންވަރު
- ޖެނުއަރީ – 5،710 މެޓްރިކް ޓަނު
- ފެބްރުއަރީ – 8،511 މެޓްރިކް ޓަނު
- މާރިޗު – 7،376 މެޓްރިކް ޓަނު
- އެޕްރީލް – 9،700 މެޓްރިކް ޓަނު
- މޭ – 7،499 މެޓްރިކް ޓަނު
ރާއްޖެއިން އެންމެގިނައިން ބޭރުކުރަނީ ފިނިކުރި ކަޅުބިލަމަހެވެ. ކަޅުބިލަމަސް އެންމެ ގިނައިން ބޭރުކުރަނީ ތައިލެންޑަށެވެ. 2 ވަނައަށް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ބޮޑުކަންނެއްޔެވެ. ބޮޑުކަންނެލި އެންމެ ގިނައިން ބޭރުރަނީ ޔޫރަޕަށާއި އެމެރިކާއަށެވެ.

