މަހަކު ބޭރުގެ ވެބްސައިޓުތަކުން ދިވެހިންކުރާ ވިޔަފާރި 694 މިލިޔަން ރުފިޔާ ނުވަތަ 45 މިލިޔަން ޑޮލަރަށް އަރާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަން ވިދާޅުވީ، ރާއްޖެއިން ބޭރުގެ ސައިޓްތަކުން ދިވެހިން ވިޔަފާރިކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. މިފަހުން ކާޑުތަކުން 30 ޕަސެންޓް ނަގަންޖެހުނީ މި ސަބަބާ ހުރެކަމަށް ވިދާޅުވިއެވެ. ބަދުރު ވިދާޅުވީ، މިދިޔަ 2 އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ބީއެމްއެލުން ދޫކޮށްފައި ހުރި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކުގެ މުއާމަލާތްތަކަށް ވިއްކާފައިވަނީ ގާތްގަނޑަކަށް 16 މިލިޔަންއާއި 20 މިލިޔަނާދޭތެރޭގެ ޑޮލަރުކަމަށެވެ. މިއީ ހަމައެކަނި ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކަށް ދޫކޮށްފައިވާ ޑޮލަރުގެ އަދަދެވެ. މިއީ ޓީޓީ ހެދުންފަދަ ކަންތައްތައް ނުލައެވެ. މެއި މަހާއި ހަމައަށް އައިއިރު ކާޑުތަކުން ވިޔަފާރީގެ ބޭނުންތަކަށް މަހެއްގެ މައްޗަށް ކުރި ވިޔަފާރި 20 މިލިޔަން ޑޮލަރުން 45 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.

"އަޅުގަނޑުމެން ބެލި ބެލުމުގެ ތެރެއިން އެ 45 މިލިޔަން ޑޮލަރުގެ ތެރެއިން މެއި މަހުގެ ތެރޭގައި %75 މިދަނީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމްތަކަށް. އީ-ކޮމާސް ޕްލެޓްފޯމްތަކޭ މި ފާހަގަކުރަނީ ފްލައިޓް ޓިކެޓްތަކާއި ހޮޓެލް ބުކިންތައް މި ބައިބައެއް ނޫން. އީ-ކޮމާސް ޕްލެޓްފޯމްތަކޭ މި ފާހަގަކުރެވެނީ އެއީ މުދާ ގަންނަން ނުވަތަ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. މިސާލަކަށް އީބޭ، އެމޭޒަން، ޝީން، ޓެމޫ އަލިއެކްސްޕްރެސް ފަދަ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. އީ-ކޮމާސް ޕްލެޓްފޯމްތަކަކީ ތަކެތި ގަންނަން ހުންނަ ވެބްސައިޓްތައް. %75 ގެ ތެރެއިން 3 ބައި ކޮށްފަ އެއްބަޔަކީ އަޅުގަނޑުމެން މި ފާހަގަކުރާ 6 ވެބްސައިޓް. އެ 6 ވެބްސައިޓަށް މިދަނީ ގާތްގަނޑަކަށް 8 ނުވަތަ 9 މިލިޔަން ޑޮލަރު." ބަދުރުއްދީން ވިދާޅުވިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ދިވެހިން ވިޔަފާރިކުރާ 6 ވެބްސައިޓަކުން ކުރާ ވިޔަފާރިއަށް ފައިސާދައްކާއިރު %30 އާއި ހަމައަށް ފީއެއް ނަގާގޮތައް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް